ދިމިޝްގު (07 ފެބްރުއަރީ) ސީރިއާއާއި ތުރުކީ ގުޅުނު ބޯޑަރު ސަރަހައްދަށް އިއްޔެ ކުރިމަތިވި ބާރުގަދަ ބިންހެލުމާއެކު އެ ސަރަހައްދުގައި ހުރި ޖަލަކުން ގައިދީންތަކެއް ފިލައިފި އެވެ.

ސީރިއާގެ ރަޖޯ ނަކަމަށް ކިޔާ އަވަށުގައި ހުންނަ އެޖަލުގައި 2000 އަށްވުރެ ގިނަ ގައިދީން ތިބިއިރު އޭގެ ތެރެއިން 20 ގައިދީއަކު ފިލައިފާވާކަން ވަނީ ޔަގީންވެފަ އެވެ.

އަސްކަރީ ފުލުހުން ބަލަހައްޓަމުން އަންނަ އެ ޖަލުގައި ގިނައިން ތިބީ އައިސިސް އާއި ކުރްދިޝް ފަދަ ނުރައްކާތެރި ހަނގުގާމަވެރި ޖަމާއަތްތަކަށް ނިސްބަތްވާ ގައިދީން ކަމަށް ހަބަރުތައް ބުނެ އެވެ.

އެގޮތުން ފިލާފައިވާ 20 ގައިދީންނަކީ ވެސް އައިސިސްގެ ހަނގުރާމަވެރިން ކަމަށް ޖަލުގެ އޮފިޝަލުން ހާމަކުރެ އެވެ.

އިއްޔެގެ ބިންހެލުމުގައި އެ ޖަލަށް ގިނަ ގެއްލުންތަކެއް ވިއިރު ގައިދީންތައް ފިލާފައިވަނީ ބިންހެލުމަށްފަހު ހިނގި ކަންތައްތަކުގެ ތެރެއިންނެވެ.

މި ހާދިސާ ހިނގާފައި މިވަނީ މިދިޔަ ޑިސެމްބަރު މަހު އައިސިސްގެ ގައިދީންތަކެއް ތިބި ޖަލަކަށް އެ ޖަމާއަތުން ހަމަލާ ދީ ޖަލުގެ ހަ އޮފިސަރަކު މަރާލާފައި ވަނިކޮށެވެ.

ހޯމަ ދުވަހުގެ ބިންހެލުމުގައި ތުރުކީއާއި ސީރިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 5000 ން މައްޗަށް އަރާފަ އެވެ. -- އަލް އަރަބިއްޔާ