އެޗްޑީސީން ހިންގި އެޕްރެންޓިސްޝިޕް ޕްރޮގްރާމް 72 މީހަކު ފުރިހަމަކޮށްފި އެވެ.

ޒުވާނުނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން، އެޗްޑީސީއާއެކު ކުރިއަތް ގެންދިޔަ ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް މިއަދު ވަނީ ސަނަދު ހަވާލުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ، މި ޕްރޮގްރާމް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ ހުނަރުވެރި ޒުވާނުންތަކެއް ވަޒީފާގެ ބާޒާރައް ނެރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދާދިނުން ކަމަށެވެ. އަދި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުންނަށް ދޭ ސެޓުފިކެޓަކީ، ވަޒީފާ ހޯދުމަށް އޮތް ފަހި ފުރުޞަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެ ޒުވާނުން ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދެވޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިހާރު ގައިމުވެސް ތިބޭފުޅުން އަތުގައި ހަމަ ރަނގަޅު ފެންވަރެއްގެ ސެޓްފިކެޓެއް އަތަަށް ތިލިބިވަޑައިގަތީ. އަމިއްލައަށް މަސައްކަތް ކުރަން ވިއަސް އަދި އެހެން ދިމާއަކުން ވަޒީފާގެ ފުރުޞަތެއް ހޯދަން ކަމުގައިވިއަސް،" މަހުލޫފް ވިދާޅުވި އެވެ.

އެޗްޑީސީން ކުރިއަތް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ ރާއްޖޭގައި ތަފާތު ގިނަ ދާއިރާތަކުން ފަންނީ، ހުނަރުވެރި، ގާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުން ކުރިއެރުވުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދީ އެކަމަށް މަގުފަހި ކޮއްދިނުމަކީ އެޗްޑީސީއިން ވަރަށް ބޮޑު އަހައްމިއްޔަތެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. މިގޮތުން ކޮންމެ އަހަރަކު އެޗްޑީސީގެ ފަރާތުން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުންނަށް މަސައްކަތުގެ ތަޖުރިބާ ލިބި ގައުމީ ފެންވަރުގެ ސަނަދެއް ހާސިލުކުރުމަށް ދެވޭ ރަނުގެ ފުރުސަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

"މި ޕްރޮގްރާމްގެ މަގުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް އިޚްތިޔާރު ނުކުރެވި ނުވަތަ ކުރިއަށް ދާންބޭނުންވާ ދާއިރާއިން ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވައިދިނުމެވެ. އަދި ވަޒީފާގެ ބާޒާރުގައި ޒުވާނުންނަކީ ފަސްނުޖެހި، އެ ވަޒީފާއެއްގެ އަމަލީ މަސައްކަތްތައް ދަންނަ ގާބިލް ބަޔަކަށް ހެދުން،" އެޗްޑީސީން ބުންޏެވެ.

މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އެޗްޑީސީގެ ފަރާތުން ހުއްޓުމެއްނެތި ހިންގާ މިފަދަ ފަސްވަނަ ޕްރޮގްރާމެވެ. އަދި މި އަހަރުގެ ޕްރޮގްރާމްގައި 72 ބައިވެރިން ވަނީ މި ޕްރޮގްރާމް ނިންމާ ސަނަދު ހާސިލްކޮށްފައެވެ. މި ޕްރޮގްރާމް ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔައިރު، ޕްރޮގްރާމްގައި 10 ދާއިރާއަކުން ބައިވެރިން ވަނީ ތަމްރީން ކޮށްފަ އެވެ. މި ދާއިރާތަކުގެ ތެރޭގައި ހެވީ ވެހިކަލް، ވެލްޑިން، މޭސަނަރީ، ގާޑަނިން، އިލެކްޓްރިކަލް، ބިލްޑިން މެއިންޓެނަންސް، ކާޕެންޓްރީ، ޕްލަމްބިން، ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަން މެކޭނިކް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާ ހިމެނެ އެވެ.

އެޗްޑީސީން ކުރިއަތް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވާހަކަދައްކަވަނީ. ފޮޓޯ: އެޗްޑީސީ

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އެޗްޑީސީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އާއި އެކު ސޮއި ކޮށްފައިވާ ފަހުމްނާމާއެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދެވިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑް ބެންކްގެ ފަންޑް "ކޮވިޑް -19 އެމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ އެހީއާއެކުގަ އެވެ. އަދި ތަމްރީނުދޭ އިންސްޓްޓިއުޓެއްގެ ގޮތުގައި އެމްއައިޓީ ހަމަޖައްސަވާފައި ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުންނެވެ.

3،000 ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ފަށާފައިވާ އަމާޒުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމާއި ގައުމު ތަރައްގީ ކުރުމުގައި، ގައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗްޑީސީން ކުރާނެކަމުގައި މެނޭޖިން ޑައިރެކްޓަރު އަހުމަދު އާތިފު ވަނީ ވިދާޅުވެފަ އެވެ. އަދި 2022 ވަނަ އަހަރު ނެޝަނަލް އެޕްރެންޓިޝިޕް ޕްރޮގްރާމްގައި އެއްމެ ގިނަ އަދަދަކަށް ޒުވާނުން ތަމްރީން ކުރުމުގެ ޝަރަފު ހާސިލްކޮށްފައި ވަނީ އެ ކުންފުނިންނެވެ.