ރޭގަނޑު ނިދަން އޮށޯތުމަށްފަހު ދެފަރާތަށް ފުރޮޅި ފުރޮޅި އޮވެވެނީ އެވެ. އެތައް ވަގުތެއް ފާއިތުވާއިރު ވެސް ނުނިދެނީ އެވެ. މިކަން މިހެން ދިމާވާނަމަ ދިރިއުޅުމުގެ މި އާދަތައް ބަދަލު ކޮށްލާށެވެ.
ތާވަލެއް ހެދުން
ތާވަލެއްގެ މަތިން އަބަދުވެސް ތިމާގެ ދުވަހުގެ ކަންތައްތައް ކުރިއަށް ގެންދާށެވެ. ހެނދުނު ހޭލާނީ މިވެނި ގަޑިއެއްގައިކަން އަނބަދު ވެސް ކަނޑައަޅާފައި އޮންނަ ގޮތަށް ރޭގަނޑު ނިދަން ވެސް ހަމަ އެއް ވަގުތެއް ކަނޑައަޅާފައި ބާއްވާށެވެ.
ރަނގަޅު ޑައިޓެއް ގެންގުޅުން
އަބަދުވެސް ބެލެންސް ޑައިޓެއް ގެންގުޅޭށެވެ. ރޭގަނޑު ނިދާ ވަގުތު ގާތްވެފައި ވަނިކޮށް ބަނޑު ފުރަންދެން ކައިގެން ނުނިދާށެވެ. އަދި ރޭގަނޑުގެ ކެއުމަކީ ބަރު ކެއުމަކަށް ނުހަދާށެވެ.
ކޮފީއާއި ދުންފަތުން ދުރުވުން
ކޮފީ އާއި ސިނގިރެޓް ގަދަ ބާވަތްތަކަކީ ވެސް ނިދުމަށް ހުރަސް އަޅާ އެއްޗިއްސެވެ. އެހެންވެ އެ ތަކެއްޗާ ދުރުވާށެވެ. ކޮފީއަކީ ގިނަ އަދަދަކަށް ކެފެއިން އެކުލެވޭ އެއްޗަކަށްވެފައި، ސިނގިރެޓަރަކީ ގިނަ އަދަދަކަށް ނިކޮޓިން އެކުލެވޭ އެއްޗެކެވެ.
ކޮޓަރީގެ މާހައުލު ރަނގަޅު ކުރުން
ތިމާ ނިދާ އެނދަކީ ހަށިގަނޑަށް އަރާމު ތަނަކަށް ހަދާށެވެ. އެނދުގެ ގޮދަޑިއާއި ބާލީހަކީ މަޑު އަދި ގަޔަށް ފަސޭހަ އެއްޗަކަށް ހަދާށެވެ. ކޮޓަރީގެ އަލި ފަނޑުކޮށް ބަހައްޓާށެވެ. ނިދަން ފަސޭހަވާނެ އެވެ.