ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް އަށް ނިސްބަތްވާ މުވައްޒަފުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ވެދެއްވޭނެ އެހީތެރިކަމާ ބެހޭ ގޮތުން މޭޔަރު ޑރ.މުހައްމަދު މުއިއްޒު އާއި ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝެއިޚް އަބުލް ކަލަމް އަޒާދް މަޝްވަރާ ކޮށްފި އެވެ.
މިކަމާ ގުޅޭ ގޮތުން މޭޔަރު އާއި ޝަފީރު މަޝްވަރާ ކޮށްފައިވަނީ މިއަދު މެންދުރުފަހު މާލެ ސިޓީކައުންސިލްގެ ބިއުރޯގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި އެވެ.
މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ވަނީ ދެ ގައުމުގެ ދެމެދުގައިވާ ރަހްމަތްތެރިކަމުގެ ގުޅުމާ އެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް އަށް ނިސްބަތްވާ މުވައްޒަފުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ވެދެއްވޭނެ އެހީތެރިކަމާއި މާލެ ސިޓީ ކައުންސިލްގައި ވަޒީފާ އަދާ ކުރަމުންދާ އެ ޤައުމުގެ މުވައްޒަފުންނަށް ލުއިފަސޭހަ ފުރުޞަތުތަކެއް ފަހިވެގެންދާނެ ގޮތްތަކާއިމެދު ސަފީރު ޝެއިޚް އަބުލް ކަލަމް އަޒާދް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ވަނީ ދާދިފަހުން މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ތިބި އެކޮމޮޑޭޝަން ބްލޮކްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ އާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ސަފީރު ޝެއިޚް އަބުލް ކަލަމް އަޒާދް ވިދާޅުވީ ދާއިމީ ހައްލެއް ގެނެވެންދެން ކައުންސިލްގެ ބެލުމުގެ ދަށުގައި ހުޅުމާލޭގެ ވަގުތީ ހިޔާގައި ތިބި މުވައްޒަފުންނަށް ޒިޔާރަތް ކުރެއްވިކަމަށާއި، އެކޮމޮޑޭޝަން އާއި މެދު އެ މުވައްޒަފުން ހިތްހަމަޖެހޭކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މޭޔަރު މުއިއްޒު ވަނީ މި ހާދިސާގައި ވަގުތީ ހިޔާގައިތިބި އެ ޤައުމުގެ މުވައްޒަފުންނަށް ވީހާވެސް އަވަހަށް ދާއިމީ ހައްލެއް ގެނެސްދިނުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާކަމުގައި ވިދާޅުވެފަ އެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ވަޒީފާގައިތިބި ބަންގްލަދޭޝްގެ މުވައްޒަފުންނަށް ވަޒީފާގެ މާހައުލުން ލިބިދޭންޖެހޭ ރައްކާތެރިކަމާއި ލުއިފަސޭހަގޮތްތައް ހަމަޖެހިފައިވާކަމުގެ ޔަގީންކަންވެސް މޭޔަރު މުއިއްޒު ވަނީ ދެއްވާފަ އެވެ.
މާލެ ސިޓީގެ މޭޔަރާއި ބަންގްލަދޭޝް ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވައިފައި ވަނީ ކުރިއަށްއޮތް ތަނުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.