މާލޭގެ ގެއަކުން ވައްކަން ކުރަން ވަން މީހަކު ބެލްކަންޏާއެކު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ބެލްކަނި ވެއްޓިފައި ވަނީ ވައްކަން ކުރަން އެގެއަށް ވަން މީހަކު ބެލްކަނިން ފުންމާލި ވަގުތު ކަމަށެވެ.
މ. ނޫބަހާރުގޭގެ ބެލްކަންޏާއެކު މީހަކު ވެއްޓިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ރޭގެ 11:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނެފައި ވަނީ އެ ހާދިސާ ހިނގުމާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން އެނގިފައި ވަނީ ބެލްކަނި ވެއްޓެން މެދުވެރިވީ އެ ގެއަށް ވައްކަން ކުރަން ވަދެ އުޅުނު މީހަކު ބެލްކަނިން ފުންމާލުމުން ކަމަށެވެ. އަދި މި ހަދިސާގައި އަނިޔާވެފައި ވަނީ ބެލްކަނިން ފުންމާލި މީހާއަށް ކަމަށާއި، އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
އޭނާއަށް ލިބިފައި ވަނީ ކިހާވަރެއްގެ އަނިޔާތަކެއްކަން ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.