މޮސްކޯ (14 ފެބްރުއަރީ) މިދިޔަ ހަފުތާގެ ހޯމަ ދުވަހު ތުރުކީ އާއި ސީރިއާ އަށް އައި ބާރުގަދަ ބިންހެލުމުގައި ސީރިއާ އަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އެހީވުމަށް ރަޝިއާ އިން އަސްކަރީ ވަފްދެއް އެ ގައުމަށް ފޮނުވައިފި އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސީރިއާއަށް އެ ގައުމުގެ 300 އަސްކަރީ ސިފައިންގެ އިތުރުން 60 ޔުނިޓުގެ ސްޕެޝަލް މިލިޓަރީ އިކުއިޕްމަންޓް ހަތިޔާރު ވެސް ފޮނުވާފައިވާ ކަަމަށެވެ.

"މީހުން ސަލާމަތް ކުރުމާއި ވެއްޓިފައިވާ އިމާރާތްތައް ސާފު ކުރުމުގައި ރަޝިއާގެ ސިފައިން އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވާ އޮފިޝަލުންނަށް އެހީތެރިވާނެ" ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ބިންހެލުމުގައި ސީރިއާ އިްން މަރުވި މީހުންގެ އަދަދު 5،000 އަށްވުރެ މައްޗަށް އަރާފައިވާއިރު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މަރުވެފައިވާ މީހުންގެ ހަށިތައް ދަނީ ފެންނަމުންނެވެ.

ބިންހެލުމުގެ ކުރިން ވެސް ދާޚިލީ ހަނގުރާމައިގެ ސަބަބުން އިންސާނީ ކާރިސާއެއް ކުރިމަތިވެފައި އޮތް ސީރިއާގެ ހާލަތު ބިންހެލުމަށް ފަހު ވަނީ އިތުރަށް ގޯސްވެފަ އެވެ.

އެގޮތުން އެތައް މިލިއަން މީހުންގެ ގެދޮރު ގެއްލި ކާބޯތަކެއްޗާއި ފެނަށް ޖެހިފައިވެ އެވެ. އެއާއެކު ސިއްހީ ބޭސްފަރުވާ އަށް ވެސް ގިނަ ބަޔަކު ވަނީ ބޭނުން ޖެހިފަ އެވެ.

އަސްކަރީ ވަފްދުގެ އިތުރުން ވެސް ކާބޯތަކެއްޗާއި ބޯފެން ވެސް ބޭނުން ޖެހިފައިވާ ހިސާބުތަކަށް އިންސާނީ އެހީގެ ގޮތުގައި ފޮނުވާފައިވާ ކަމަށް ރަޝިއާ އިން ބުނެފައިވެ އެވެ.

ރަޝިއާ އަކީ ސީރިއާގެ ރައީސް ބައްޝާރުލް އައްސަދަށް ވާގިވެރިވާ ގައުމަކަށްވާއިރު ސީރިއާގައި ރަޝިއާގެ ނުފޫޒު އޮތީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. -- އަލް އަރަބިއްޔާ