ފިލްމުތަކާއި ލަވަތަކުގައި އުދުހޭ ކާރު ބޭނުންކުރާ މަންޒަރު މީގެ ކުރިން ފެނިފައި އޮވެދާނެ އެވެ. މިއަދާ ހަަމައަށް އެމަންޒަރު ހަގީގަތަކަށް ވެފައި ނެތަސް އެކަން ވެފައިވަނީ ގިނަ ބައެއްގެ ހުވަފެނަކަށެވެ.

އެފަދަ މީހުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ. ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ދުބާއީގައި މި ހުވަފެން ހަގީގަތަކަށް ވާނެ އެވެ. ދުބާއީގައި ދިރިއުޅޭ ނުވަތަ ދުބާއީއަށް ޒިއާރަތްކުރާ ފަރާތްތަކަށް އުދުހޭ ކާރުތަކުގައި ދަތުރު ކުރެވޭނެ އެވެ.

ޔޫއޭއީގެ ނާއިބު ރައީސް ޝައިޚް މުހައްމަދު ބިން ރާޝިދު އެކަން އިއުލާން ކުރައްވަމުން ވިދާޅުވީ ޔޫއޭއީއަކީ ދުނިޔޭގައި އެންމެ ފުރަތަމަ ފަހަރަށް ވާޓިޕޯޓް ވުޖޫދަށް ގެންނާނެ ގައުމަށްވާނެ ކަމަށެވެ.

ދުބާއީގެ ހަތަރު ސަރަހައްދެއްގައި އުދުހޭ ކާރު އޮޕަރޭޓްކުރާ ވާޓިޕޯޓްތައް ގާއިމުކުރަން ހަމަޖެހިފައިވާއިރު މި އިންތިޒާމާއެކު ދުބާއީގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށް ރާޝިދު ވިދާޅުވި އެވެ.

އެގޮތުން އުދުހޭ ކާރުތަކުގެ ނިޒާމުން ދުބާއީގެ މައި ހަތަރު ސަރަހައްދެއް ގުޅާލަން ވަނީ ހަމަޖެހިފަ އެވެ. އެއީ ދުބާއީ މެރީނާ، ޑައުންޓައުން ދުބާއީ، ޕާމް ޖުމައިރާ އަދި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭ ސަރަހައްދެވެ.

މިހާތަނަށް ވައިގެ ދަތުރުފަތުރު ކުރުމުގެ މަގު އާއްމުންނަށް އޮތީ މަތިންދާ ބޯޓުންނެވެ. ނަމަވެސް އުދުހޭ ކާރުތަކާއެކު ކުރު ރާސްތާ ދަތުރުތަކަށް ވެސް ވައިގެ މަގުން ދަތުރު ކުރެވޭނެ އެވެ.

ރާޝިދު އިތުރަށް ވިދާޅުވީ އުދުހޭ ކާރުތަކުގެ ޕްރޮޖެކްޓަކީ ދުބާއީގެ ދަތުރުފަތުރު ފަސޭހަކޮށް ތިމާވެށްޓާ ރައްޓެހި ގޮތުގައި އުމްރާނީ ތަރައްގީ އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެއް ކަމަށެވެ.

241 ކިލޯމީޓަރަށް ދަތުރު ކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ އެ ކާރުތަކުގައި ޑްރައިވަރުގެ އިތުރުން ހަތަރު ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ އެވެ.

އުދުހޭ ކާރުތައް އޮޕަރޭޓްކުރާ ވާޓިޕޯޓުތަކުގެ ޑިޒައިންތަކަށް ދުބާއީގެ އަމީރު ހުއްދަ ދެއްވާފައިވާއިރު އެ މަސައްކަތްތައް ވަނީ މިހާރު ފަށާފަ އެވެ.

ދުބާއީއަށްފަހު ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ވެސް މި ޓެކްނޮލޮޖީ ތައާރަފް ކުރަން ފަށާނެ ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.