ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޮމިއުނިކޭޝަންސްގެ މަޤާމަށް ‎ސ. ހިތަދޫ، ނަންރީތިގެ، މުހައްމަދު ހިސާން ޢަލީ ފަހްމީ މިއަދު އައްޔަންކުރައްވައިފި އެވެ.

މުހައްމަދު ހިސާން އަލީ ފަހްމީ މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓެރީގެ މަގާމުން އެބޭފުޅާ މިއަދު ވަކިކުރެއްވުމަށް ފަހުގަ އެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޔުނިވާސިޓީން މާކެޓިން އެންޑް އިންޓަނޭޝަލް ބިޒްނެސްގެ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ހިސާން ވަނީ މީގެ ކުރިން ދިރާގުގެ މާކެޓިން ޑިޕާޓްމަންޓުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. އޭނާ ރައީސް އޮފީހާ ގުޅިވަޑައިގެންނެވީ 2019 ވަނަ އަހަރު އެވެ.

ހިސާން އަކީ މެލޭޝިޔާގެ ސަންވޭ ކޮލެޖުން 2016 ވަނަ އަހަރު ބެޗެލާސް އޮފް ބިޒްނަސް އިންޓާނޭޝަނަލް ޓްރޭޑް އެންޑް މާކެޓިން ހާސިމާލްކުރައްވައިފައިވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތަކާއި، ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސްކުރައްވާނީ މުހައްމަދު ހިސާން އަލީ ފަހްމީގެ ބެއްލެވުމުގެ ދަށުންނެވެ.