ވީނުވީ ނޭނގި ގެއްލޭ މީހުންގެ އިތުރުވާތީ، އެ މީހުން ހޯދުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މިމައްސަަލަ ހުށައެޅީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެވެ.
މިއަދުގެ ޖަލްސާއަށް 48 މެމްބަރުން ހާޒިރުވެފައިވާއިރު އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ނުފެންނަ ކަމަށް 29 މެމްބަރުން ވޯޓު ދެއްވި އެވެ. މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 18 މެމްބަރުންނެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ ގެއްލިފައިވާ މީހުން ހޯދުމުގައި ސަރުކާރުން އެންމެ އެދެވޭ ގޮތުގައި މަސައްކަތް ކުރަމުން ނުދާ ކަމަށާއި، މީހުން ހޯދުމުގައި ސަރުކާރުން ފަރުވާކުޑަކުރަމުންދާ ކަމުގެ ޝަކުވާ އިތުރުވަމުން ދާ ކަމަށެވެ. އަދި ގެއްލޭ މީހުންގެ އަދަދު އިތުރުވެ، އެކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަމާއި ކަންބޮޑުވުމާއި ހިތްދަތިކަން އިތުރުވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ސަރުކާރުން މިކަމުގައި ފަރުވާ ކުޑަ ކުރާ ކަމުގެ ޝަކުވާ އިތުރުވަމުންދާ ކަމަށްވެސް އާދަމް ޝަރީފްގެ މައްސަލާގައި ބުނެފައިވެ އެވެ.
އާދަމް ޝަރީފް ހުށައެޅި މައްސަލައިގައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ފަހުން ވީނުވީ އެއް ނޭނގި ގެއްލިފައިވާ އއ. މަތިވެރި، ހަސަން އަލީ (ހަސަންފުޅު) އާއި މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަބަރެއް ވެފައިނުވާ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލްގެ ވާހަކަ ފާހަގަކޮށްފަ އެވެ. މި ދެ މީހުން ހޯދުމަށް ވެސް ސަރުކާރުން އެދެވޭ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ގަބޫލުކުރާ ކަމަށް ވެެސް ބުނެފައިވެ އެވެ.
ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި އާސިރު ހޯދުމަށް ސަރުކާރުން އެންމެ އެދެވޭ ގޮތުގައި މަސައްކަތް ކޮށްފައިވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، މިފަދަ ސީރިއަސް މައްސަލަތައް ތަހުގީގުކުރުމުގައި މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބެން ހުރި ހުރިހާ ވަސީލަތާއި ވަގުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާފައި ނުވާ ކަމަށެވެ. މީގެއިތުރުން، ނިޒާމީގޮތުން ލިބެން ހުންނަ ހެއްކާ ގަރީނާ ހޯދުމުގައި ސަރުކާރުން އަމަލު ކުރަމުން އަންނަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ކަން ގަބޫލުކުރާ ކަމަށް ވެސް އެމައްސަލައިގައި ބުނެފައިވެ އެވެ.