ބެއިޖިންގް (15 ފެބްރުއަރީ) މި އަހަރު ތެރޭގައި ދިހަ ފަހަރެއްގެ މަތިން އެމެރިކާގެ ގޮތް ނޭނގޭ އުޅަނދެއް ޗައިނާގެ ވައިގެ ސަރަހައްދުން ފެނިފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

ޗައިނާއިން ވަނީ އެގައުމުގެ ހުއްދައާ ނުލާ އެގައުމުގެ ވައިގެ ސަރަހައްދުން އެމެރިކާގެ އުޅަނދުތައް ފާހަގަ ވެފައިވާ ކަމަށާއި އެކަން ތަކުރާރު ވާނަމަ އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

"ޗައިނާގެ ސިޔާދަތާއި މިނިވަން ކަމަށް ނުރައްކާ ވާނަމަ އަހަރުމެން މަޑަކުން ނުތިބޭނަން" ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވޭން ވެންބިން ވިދާޅުވި އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ވަނީ މި ތުހުމަތު ތަކަށް ދެކޮޅު ހަދާފަ އެވެ.

ޗައިނާއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ މިމަހުގެ ތެރޭގައި ޗައިނާގެ ޖާސޫސީ އުޅަނދެއް ކަމަށް ބުނާ އުޅަނދެއް އެމެރިކާގެ ވައިގެ ސަރަހައްދުން ފެނިފައި ވަނިކޮށެވެ.

ޗައިނާއިން ވަނީ އެ އުޅަނދަކީ މިސްރާބުން ދުރަށް ދިޔަ ސައިންޓިފިކް ދިރާސާއެއްގައި ބޭނުންކުރާ އުޅަނދެއް ކަމަށް ބުނެ އެމެރިކާއިން މައްސަލަ ބޮޑު ކުރަން އުޅޭ ކަމަށް ތުހުމަތު ކޮށްފަ އެވެ.

ގޮތް ނޭނގޭ ވައިގެ އުޅަނދުތަކުގެ މައްސަލާގައި ދެގައުމުގެ ގުޅުންތައް ހީނަރުވެފައި ވާއިރު ދެ ގައުމުން ވެސް އެއް ގައުމު އަނެއް ގައުމަށް އެކި ތުހުމަތުތައް ކުރަމުންދެ އެވެ. -- އަލް އަރަބިއްޔާ