ގެދޮރު ފަދަ ތަންތަން ކުއްޔަށް ދިނުމުގެ މުއާމަލާތްތަކުގައި އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމުގެ މައްސަލަތައް ހުށަހެޅޭތީ އެކަމަށް ސަމާލުވުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން އިލްތިމާސްކޮށްފި އެވެ.

އެ އޮފީހުން ބުނީ ގެދޮރު ފަދަ ތަންތަން ކުއްޔަށް ދިނުމުގެ މުޢާމަލާތްތަކުގައި ސައްހަނޫން ލިޔުން އުފައްދައި، ކުއްޔަށް ހިފާ ފަރާތަށް އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމުގެ މައްސަލަތައް ހުށަހަޅަމުން އަންނަ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ގޭގެ ވެރިފަރާތުގެ އަތުން ތަނެއް ހުއްޔަށް ނެގުމަށްފަހު އެތަނުގެ އެއްބަސްވުމަށް ބަދަލު ގެނެސް، އެހެން މީހުންނަށް އެތަން ކުއްޔަށް ދިނުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުން އަންނަ ކަމަށެވެ. އަދި މިފަދަ ތަންތަނުގެ ހަގީގަތް އެނގޭއިރު ބައެއް ފަރާތްތަކުގެ އަތުން ލައްކައިން ފައިސާ އަތުލާފައި ހުންނަކަން ފާހަގަވެފައިވާ ކަމަށް ޕީޖީން ބުނެ އެވެ.

ޕީޖީ އޮފީހުން ބުނީ މިފަދަ އޮޅުވާލުންތަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކެއް ހުންނަ ކަމަށެވެ. އެގޮތުން ކުއްޔަށް ދޫކުރާ މީހާއަކީ ހަގީގަތުގައިވެސް އެބުނާ މުއްދަތަކަށް އެތަން ކުއްޔަށް ދެވޭނެ މީހެއްކަން ކަށަވަރު ކުރުމާއި ޝައްކުވާ ހާލަތްތަކުގައި ގޭގެ އަސްލު ވެރިފަރާތާއި ބައްދަލުކޮށް، ކަންކަން އޮޅުން ފިލުވުން ހިމެނެ އެވެ.

މީގެ އިތުރުން ގިނަ ފައިސާ ހިމެނޭ ކުލީގެ މުއާމަލާތްތައް ހިންގުމުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ވެސް ޕީޖީ އޮފީހުން އިލްތިމާސްކުރެ އެވެ.

ތަންތަން ކުއްޔަށް ހިފުމުގެ މުއާމަލާތްތަކުގައި ސަމާލުވުމަށް ޕީޖީން އިލްތިމާސްކޮށްފައިވާއިރު، މިފަހަކަށް އައިސް މިފަދަ މައްސަލަތައް ދަނީ އިތުރުވަމުންކަން ފާހަގަކޮށްލެވެ އެވެ.