ކަރާޗީ (20 ފެބްރުއަރީ) - ޕާކިސްތާނުގެ އިރުމަތީ ޕަންޖާބް ޕްރޮވިންސްގެ ކައްލާރް ކަހާރު އަވަށުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ބަހެއް ފުރޮޅާލައި 14 މީހުން މަރުވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާގައި މަރުވި މީހުންނާއި އެކި ވަރުގެ އަނިޔާ ލިބުނު އިތުރު 63 މީހަކު ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުންގެ އިދާރާއިން ހާމަ ކުރެ އެވެ.

މި އެކްސިޑެންޓްގެ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވާއިރު ހާދިސާގެ ތަހުގީގު ކުރިއަށް ދާ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައި އަނިޔާވި މީހުންނަށް އެންމެ ރަނގަޅު ފަރުވާ ދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޕާކިސްތާނުގެ ހުޅަނގުގެ އަވަށެއްގައި މިދިޔަ މަހު ވެސް ވަނީ ކޯރަކަށް ބަހެއް ވެއްޓި އެކްސިޑެންޓެއް ވެފަ އެވެ. އެ ހާދިސާގައި 40 މީހަކު މަރުވި އެވެ.

ޕާކިސްތާނުގައި ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ސަބަބުން މަގުމަތީގެ އެކުސިޑެންޓްތައް އާއްމުވެފައިވާއިރު އެފަދަ ހާދިސާތަކުގައި ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު ދުނިޔެ ދޫކުރެ އެވެ. -- އަލް އަރަބިއްޔާ