އައްޑޫއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އައްޑޫގެ މަޝްރޫތަކުގެ ދުވެލި އަވަސްވެއްޖެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަސްލަމް ވިދާޅުވީ އައްޑޫގައި ހިންގާ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލައި، ދިމާވާ މަސައްލަތަކަށް ހައްލު ހޯދުމަށްޓަކައި އައްޑޫއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އައްޑޫގެ މަޝްރޫތަކުގެ ދުވެލި އަވަސްވެފައިވާ ކަމަށެވެ.

"އަޅުގަނޑު އައްޑޫގައި ބޭސްވެގެން ހުރެގެން ހައްލުތަކެއް ހޯދައި ދެވިއްޖެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. މަސައްކަތްތަކުގެ ސްޕީޑް ވެސް ރަނގަޅުވަމުންދާ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" އަސްލަމް ވިދާޅުވި އެވެ. ނަމަވެސް އައްޑޫގެ މަޝްރޫތަކަށް ދިމާވި މައްސަލަތަކާއި އެކަމާ ގުޅިގެން މަސައްކަތްތައް ހަލުވި ކުރުމަށް ގެންނެވި ބަދަލުތަކުގެ ތަފްސީލުތައް އަސްލަމް ދެއްވާފައެއް ނުވެ އެވެ.

އަސްލަމް ވިދާޅުވީ އައްޑޫގައި ހުރި މައްސަލަތައް ހަމަ ލޮލުން ފެނި އެކަންކަން ފާހަގަ ވެފައިވާ ކަމަށާއި އަވަހަށް ހައްލު ހޯދަން ހުރި ކަންކަން ހައްލު ކުރަން މިހާރު ވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތީ މަގު ހެދުމުގެ މަޝްރޫއު އާއި ގުޅިގެންނެވެ. ތާރު އަޅައިގެންނާއި ގާ އަތުރައިގެން އައްޑޫގައި 107 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް އެފްކޮންސްއާ ފެބްރުއަރީ 2021 ގައި ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.