ރޭގަނޑުގެ ނިދި ލިބުން އުނދަގޫވާނަމަ އެކަމަށް އޮތް އެންމެ ބޮޑު ލުޔަކީ މެންދުރުގެ އަތްވަށް ނުކުމެލުން ކަމަށް ސައިންސްވެރިންގެ ހޯދުންތަކުން ދައްކައިފި އެވެ.

އެމެރިކާގެ ޔުނިވާސިޓީއަކުން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ އިންސާނާގެ ހަށިގަނޑު ވަކި ތާވަލަކަށް ހޭނިފައި ހުންނަ ކަމަށާއި ރޭގަނޑު ނުނިދުމަކީ އެ ތާވަލުން ދުރުވެވޭތީ ވާ ކަމެއް ކަމަށެވެ.

ދަ ޑޭ ލައިޓް - ޑާކް ސާކަލްގެ ނަމުން ނަން ދީފައިވާ އެ ސައިންޓިފިކް ތާވަލުގައި އިންސާނާގެ ހަށިގަނޑު ދުވާލު ގަޑީގައި ހޭލާ އުޅުމަށްފަހު ރޭގަނޑު ނިދަން އާދަވެފައިވާ ކަމަށް ބުނެ އެވެ.

އެހެން ނަމަވެސް އެކަށީގެންވާ ވަރަށް އަވި ނުލިބުމުގެ ސަބަބުން ހަށިގަނޑަށް މި ތާވަލު އޮޅި ރޭގަނޑުގެ ނިދިން މަހުރޫމް ވަނީ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

މިފަދަ މައްސަލަތައް އެންމެ ގިނައިން ދިމާވަނީ ދުވާލުގެ ބޮޑުބައެއް ބޭރަށް ނުނުކުމެ ތިބެންޖެހޭ މީހުންނަށެވެ. މިސާލަކަށް ރަސްމީ ވަޒީފާތައް އަދާކުރާ މީހުންނެވެ.

އެހެން ކަމުން ދުވާލުގެ ކޮންމެވެސް ވަގުތެއް ހުސްކޮށް އަތްވަށް ނުކުމެލުމަކީ ރޭގަނޑުގެ ނިދި ހަމައަކަށް އެޅުވުމަށް ކުރެވޭނެ އެންމެ ފަސޭހަ އަދި އެންމެ ލުއި ގޮތެވެ.