ސިޔާސީ ޕާޓީތައް ހިންގުމަށް މިއަހަރުގެ ބަޖެޓުން ފައިސާ ދިނުމަށް ކަނޑައެޅި ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީ އާއި އެމްއެންޕީގެ މެމްބަރުންގެ އަދަދު 10،000 ހަމަނުވާކަން ހާމަވެއްޖެ އެވެ.

ސިޔާސީ ޕާޓީތައް ހިންގުމަށް މިއަހަރުގެ ބަޖެޓުން ކަނޑައެޅުއްވި ފައިސާ 6 ޕާޓީއަކަށް ދޫކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަ އަހަރު ބަޖެޓް ފާސްކުރުމުގެ ކުރިން ޕާޓިތަކުގައި މެންބަރުން ތިބި އަދަދަށް ރިޔާއަތްކޮށެވެ.

ފައިސާ ދޫކުރަން ނިންމާފައި ވަނީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަދި އަދާލަތު ޕާޓީއަށެވެ. މި ޕާޓީތަކަކީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ބަޖެޓް ފާސްކުރި ވަގުތާ ހަމައަށް 10،000 މެމްބަރުން ހަމަވާ ޕާޓީތަކެވެ.

އިލެކްޝަންގެ ދަފްތަރުގައި އޭރު މި ހަ ޕާޓީގެ މެމްބަރުންގެ އަދަދު 10،000 އަށް ވުރެ އިތުރު ނަމަވެސް އިލެކްޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބަޖެޓުން ފައިސާ ދޭން ނިންމި އަދާލަތު ޕާޓީއާއި، އެމްއެންޕީގެ މެމްބަރުން އަދަދު ވަނީ 10،000 އަށް ވުރެ ދަށަށް ގޮސްފަ އެވެ.

އެމްއެންޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ އިސް ބޭފުޅުން މައުލޫމާތު ދެއްވަނީ.. ފޮޓޯ: އެމްއެންޕީ

އިލެކްޝަންސް ކޮމިޝަނުން ހިއްސާކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން، އަދާލަތު ޕާޓީގައި ތިބީ 9،765 މެމްބަރުންނެވެ. އެމްއެންޕީގައި ތިބީ 9،937 މެމްބަރުންނެވެ.

ސިޔާސީ ޕާޓީތައް ހިންގުމަށް، މިއަހަރުގެ ބަޖެޓުން 36,896,088.00 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މީގެ ތެރެއިން އަދާލަތު ޕާޓީއަށާއި، އެމްއެންޕީއަށް ދިނުމަށް ނިންމާފައި ވަނީ ކޮންމެ ޕާޓީއަކަށް 2.4 މިލިޔަން ރުފިޔާ އެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން ވަނީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީއާއެކު ކޯލިޝަންގެ ތެރެއިން މަސައްކަތް ކުރުމަށް ނިންމާފަ އެވެ. އަދި އެމްއެންޕީން ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމާފަ އެވެ.