ޒައިތޫނި ނުވަތަ އޮލިވްސްއަކީ އިސްލާމް ދީނުގައި ވެސް މާތް ކުރައްވާފައިވާ އެއްޗެކެވެ. އޭގެ ފައިދާތަކުގެ ވާހަކަ އަހަރުމެންނަށް ކުޑައިރުއްސުރެ އިވެމުން އަންނައިރު މިއަދު މިއޮތީ އެކަން ސައިންސުން ސާބިތު ވެސް ވެފަ އެވެ.

އެގޮތުން އެ ޒައުތޫނިން ހަދާ ޒައިތޫނި ތެލަކީ ވަރަށް ފައިދާހުރި ތެލެކެވެ. ވިނަގްރެޓް އަދި ފިހުނު ކާއެއްޗެހީގައި ޒައިތޫނީ ތެޔޮ ބޭނުންކުރުމުން އެއަށް އިތުރު ރަހައަކާއި މޮއިސްޓްކަން ލިއްބައިދެ އެވެ.

އެހެން ނަމަވެސް، މިހާރު ދިރާސާތަކުން ދައްކާ ގޮތުގައި ވަރަށް މަތީ ފިނިހޫނުމިނުގައި ވެސް ޒައިތޫނި ތެލުން އެ ހުރިހާ ފައިދާއެއް ލިއްބައިދެ އެވެ. އޭގެ ތެރޭގައި ތެލުލުމާއި ފިހުން ވެސް ހިމެނެ އެވެ. މިއީ އެހެން އެއްވެސް ބާވަތެއްގެ ތެލުން ލިއްބައި ނުދޭ ފައިދާއެކެވެ.

ސްޕެއިންގެ ޔުނީވާސިޓީއެއްގެ ދިރާސާވެރިން ހާމަކޮށްފައިވާ ގޮތުގައި "އެކްސްޓްރާ ވާޖިން އޮލިވް އޮއިލް"ގައި ތަރުކާރީ ތެލުލުމުން، ފެނު ކެއްކުމާއި އަޅާބަލާއިރު، އޭގެ އިން މާގިނަ ފައިދާތައް ލިއްބައިދެ އެވެ. އަދި ހަމަ އެހެންމެ ޒައިތޫނި ތެލުގައި ތެލުލުމުން، ތަރުކާރީގައި ހުންނަ އެންޓިއޮކްސިޑެންޓްތަކާއި ފީނޯލިކް މާއްދާތައް ވެސް އިތުރުވެގެންދެ އެވެ. އޭގެ ސަބަބުން ކެންސަރާއި ހަކުރު ބަލިފަދަ ބަލިތަކުން މީހާ ރައްކާތެރި ކޮށްދެ އެވެ.

މީގެ އިތުރުން ދިރާސާތަކުން ދައްކާ ގޮތުގައި ޒައިތޫނި ތެލުގައި ތަރުކާރީ ތެލުލުމަކީ އޭގައި ހުންނަ ފެޓްގެ އަދަދު އިތުރުކޮށްދޭ އަދި މޮއިސްޗާ ކުޑަކޮށްދޭ ކަމެކެވެ. ކެއްކުމުގެ އެހެން ވައްތަރުތަކުގައި މިހެން ކަންތައް ވާކަމަށް އެނގިފައެއް ނުވެ އެވެ.