އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަށަވަރުކުރެއްވުމާއެކު އެމަނިކުފާނާއެކު ކޯލިޝަން ހެދުމަށް ޕާޓީތަކުން މަސައްކަތް ފަނީ ފަށައިފަ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ ފަރާތުން އެހެން ޕާޓީތަކާ ކޯލިޝަން ހަދަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ އިޚުތިޔާރު ވަނީ އެމްޑީޕީގެ ގައުމީ މަޖްލީހުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށްވާ ރައީސް ސޯލިހަށް ދެއްވައިފަ އެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް ސޯލިހު ކުރެއްވި ކެމްޕޭނުގެ ނާރެހަކަށް ވެފައި އޮތީ ކޯލިޝާނަކާއެކު ނިކުމެވަޑައިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ ވައުދެވެ. އެހެންކަމުން އެ އަސާސުގެ މައްޗަށް އެމަނިކުފާނުގެ ކެމްޕޭން ސްޓްރެޓެޖީ ރާވަން ތައްޔާރުވެވަޑައިގަންނަވަމުން އަންނައިރު އެމަނިކުފާނުގެ ކޯލިޝަންގައި ބައިވެރިވުމަށް އެހެން ޕާޓީތަކުން ހަރަކާތްތެރިވަމުން ގެންދާތަން ފެންނަން ފަށައިފި އެވެ.

އަދާލަތު ޕާޓީ

ރާއްޖޭގައި ޕާޓީތަކުގެ ވެރިކަން އުފެދުނީއްސުރެ ކޮންމެ ވެސް ކޯލިޝަނެއްގެ ދަށުން ވެރިކަންކުރުމުގައި ދައުރެއް އަދާކުރަމުން އަންނަ އަދާލަތު ޕާޓީއަކީ މިހާރު ވެސް ސަރުކާރުގެ އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ ޕާޓީ އެކެވެ. ކެބިނެޓްގެ އެންމެ މުހިންމު އެއް މަގާމު ކަމަށްވާ ހޯމް މިނިސްޓަރަކީ އެ ޕާޓީގެ ރައީސެވެ. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަކީ އެ ޕާޓީގެ ނައިބު ރައީސެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް އެ ޕާޓީގެ އިސް މެމްބަރެކެވެ. އިމްރާން އަބްދުﷲ އާއި އަލީ ޒާހިރު ނޫނަސް ދައުލަތުގެ އެކި މުއައްސަސާތަކުގައި އަދާލަތުގެ އެކި ފެންވަރުގެ ބޭބޭފުޅުން ހަރަކާތްތެރިވެ އެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް އިމްރާން އާއި ނައިބު ރައީސް އަލީ ޒާހިރު ބައިވެރިވަނީ. ފޮޓޯ: އަދާލަތު ޕާޓީ

އަދާލަތަކީ އިންތިޚާބުތަކުގައި ކާމިޔާބު ލިބޭ ޕާޓީއަކަށް ނުވިޔަސް އެއީ ވެރިކަން ކުރާބަޔަކަށް ތަފާތު ގޮތްގޮތަށް ޕްރެޝާކުރުމުގައި މުހިންމު ޕާޓީއެއްކަމުން އަދާލަތު ޕާޓީ ވެސް ވެފައި ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކޯލިޝަނުގައި ހިމެނޭނެ ޕާޓީއަކަށެވެ.

ރައީސް ސޯލިހުގެ ފަރާތްޕުޅުން ޕާޓީތަކަށް ފޮނުވި ކޯލިޝަން ދައުވަތު ލިބުމާއެކު އެ ޕާޓީން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި ކޯލިޝަނުގައި ދެމި ތިބުމާ މެދު އުންމީދު ފާޅުކޮށްފަ އެވެ.

ރަސްމީ ޖަވާބެއް ދިނުމުގެ ކުރިން އެމްޑީޕީ އާއެކު މަޝްވަރާކުރަން ޖެހޭނެ ކަމަށް ބުނުމަށް ފަހު އެ މަޝަވަރާތައް ވެސް މިހާރު ވަނީ ކުރެވިފަ އެވެ. ވަރަށް އިޖާބީ ގޮތެއްގަ އެވެ. ބެލެވޭ ގޮތުގައި އެ މަޝްވަރާއަކީ ކޯލިޝަނުގެ ހިއްސާ ބެހިގެންދާއިރު އެޕާޓީއަށް ލިބޭނެ މިންވަރު ކަނޑައެޅުންފަދަ ކަންތައްތަކާ ބެހޭގޮތުން ކުރެވޭ މަޝްވަރާ އެވެ. ކޯލިޝަންގެ ހިއްސާ ބެހުމުގެ ވާހަކަ ކޮންމެ ގޮތަކަށް ދިޔަކަމުގައި ވިޔަސް އަދާލަތުން ވަނީ ރައީސް ސޯލިހާއެކު ކޯލިޝަނުގައި ދެމި އޮންނާނެ ކަމުގެ ޔަގީން ކަންދީފަ އެވެ. މިއީ މިފަދަ ޔަގީން ކަމެއް ދިން ފުރަތަމަ ޕާޓީ ވެސް މެއެވެ.

އެމްއާރުއެމް

އެމްއާރު.އެމަކީ މިވަގުތު ސިޔާސީ ގޮތުން މާބޮޑު ބުރަދަނެއް ހުރި ޕާޓީއެއް ކަމަށް ނުބެލެވުނު ނަމަވެސް އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ވަފާތެރި ބަޔަކު އެ ޕާޓީގެ ފަހަތުގައި އެބަ ތިއްބެވެ. އެހެންކަމުން އެމްއާރު.އެމަށް ވެސް ރައީސް ސޯލިހުގެ ކޯލިޝަން ދައުވަތު ވަނީ ލިބިފަ އެވެ. އެ ދައުވަތު ގަބޫލުކުރުމާ މެދު މިހާތަނަށް އެ ޕާޓީން ވަކި އެއްޗެކޭ ނުބުނި ކަމަށް ވިޔަސް ރިޔާސީ އިންތިޚާބަށް ނުކުތުމުގައި އެ ޕާޓީއަށް އެމްޑީޕީގެ ކޯލިޝަނުގައި ބައިވެރިވުން ނޫން ގޮތެއް އޮތް ކަމަށް ނުފެނެ އެވެ.

އެމްޑީއޭ

އެމްޑީއޭއަކީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި 2013ގައި ޕީޕީއެމާއެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރި ޕާޓީއެކެވެ. އެހެނަސް ދާދި ފަހަކާ ޖެހެންދެން ވެސް ޕާޓީގެ ލީޑަރު ގެންދެވީ މިފަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވަމުންނެވެ. އެއާއެކު ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ފުޅާ ކެމްޕެއިނެއް ވެސް ކުރިޔަށް ގެންދިޔަ އެވެ.

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު އެ ޕާޓިން މިހާރު ވަނީ އިންތިޚާބުގައި ކޯލިޝަނަކާއެކު މަސައްކަތް ކުރުމަށް ނިންމާފަ އެވެ. އެކަމަށްޓަކައި އެ ޕާޓީން ވަނީ ޚާއްސަ ކޮމިޓީއެއް ހޮވައި ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާ ފަށައިފަ އެވެ.

އެހެންކަމުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ އުންމީދީ ކޯލިޝަނުގެ މުހިންމު އެއްބައިވެރިޔަކަށް މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމުގެ އެމްޑީއޭ ވާނެ ކަމަށް ބެލެވެ އެވެ.

ޖުމްހޫރީ ޕާޓީ

ޖުމުހޫރީ ޕާޓީއަކީ ގިނަ ބަޔަކު ދެކޭގޮތުގައި ވެރިކަމަށް ނާދެވުނު ކަމަށް ވިޔަސް އެ ޕާޓީއާ ނުލައި އެހެން ޕާޓީއަކަށް ވެރިކަމަށް އައުމަށް އުނދަގޫ ޕާޓީއެކެވެ. އެހެންކަމުން ކޮންމެ ރިޔާސީ އިންތިޚާބެއް ވެސް ކާމިޔާބު ވަނީ އެޕާޓީގެ ތާއީދު އޮތް ޕާޓީއަކަށް ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ.

މިފަހަރުގެ އިންތިޚާބު ބޯމަތިވެގެން އަންނައިރު ގާސިމް އިބްރާހިމްގެ ޖުމުހޫރީ ޕާޓީން އަންނަނީ އިންތިޚާބުގައި އެޕާޓީން ވާދަކުރާނެ ގޮތެއް ނިންމުމުގެ ބޮޑު މަޝްވަރާއަކަށް ތައްޔާރުވަމުންނެވެ.

ރައީސް ސޯލިހު އާއި ގާސިމް ބޭއްވި ބައްދަލުކުރެއްވުމެއް

މިއަދު އޮންނަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މިކަމާމެދު ގޮތެއް ނިންމާނެ ކަމަށް ފެނެ އެވެ. އެ ޕާޓީގެ އިސް ބައެއް ބޭފުޅުން މީޑިއާގައި ވާހަކަ ދައްކަވަމުން ހާމަކުރައްވާފައި ވާގޮތުގައި ގައުމީ މަޖިލީހުގައި އެ ޕާޓީ ވަކިން އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅުމެއް ހުށަހަޅާނެ އެވެ. އެ ހުށަހެޅުމަށް މަޝްވަރާކޮށް ވޯޓަކަށް ދާނެ ކަމަށް ބެލެވުނު ކަމަށް ވިޔަސް މިހާތަނަށް ކަންތައް ގޮސްފައި އޮތް ގޮތަށް ބަލާއިރު އެ ޕާޓީ އިން ވެސް ރައީސް ސޯލިހާއެކު ކޯލިޝަން ހަދާނެ އެވެ. ނުރަސްމީކޮށް އަރާފައިވާ އަޑުތަކަށް ބަލާއިރު ރައީސް ސޯލިހުގެ ރަނިންމޭޓު ކަން ގާސިމަށް ވަނީ ހުށަހަޅާފަ އެވެ. އެހެންކަމުން އެ ފުރުސަތު ގާސިމް ދޫކޮށްނުލައްވާނެ ކަމަށް ޖުމުހޫރީ ޕާޓީގެ އިސް ބައެއް މީހުން ވެސް ދެކެ އެވެ.

ފަސްމަންޒަރު

ރިޔާސީ އިންތިޚާބުގެ ވޯޓު އަންނައިރު ސިޔާސީ ދާއިރާގައި ފެންނަމުން ދަނީ ރައީސް ސޯލިހު ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާއި އެކޯލިޝަނުގައި ބައިވެރިވެގެން ލިބެން ހުރި ފުރުސަތެއް ހޯދުމަށް ޕާޓީތަކުން ކުރަމުން ގެންދާ މަސައްކަތެވެ.

ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ އިދިކޮޅަށް ފެއްޓެވި އެ މަސައްކަތް ރައީސް ކާމިޔާބުކުރެއްވުމަށް ރައީސް ސޯލިހަށް ފަސޭހަ ކަމާއެކު ކާމިޔާބު ވެގެންދާނެ ކަމަށް ފެނެ އެވެ. އިދިކޮޅު ޕާޓީގެ ލީޑަރު ޖަލުގައި އޮންނެވުމުގެ ސަބަބުން ހަރަކާތް ހުއްޓިފައި ވާއިރު ރިޔާސީ ރޭހުގައި ރައީސް ސޯލިހުގެ ކޯލިޝަނާ ވާދަކޮށްލެވޭނޭ އެހެން ބަޔަކު މިވަގުތު މައިދާނުން ފެންނާކަށް ނެތެވެ. އެހެންކަމުން ކުރިޔަށް އޮތް އިންތިޚާބު ރައީސް ސޯލިހާއި ގާސިމް ކާމިޔާބު ކުރެއްވުމަކީ ގާތް ކަމެކެވެ. އެ ކޯލިޝަނުގެ އިސް ރޯލެއް ރައީސް ނަޝީދު އަދާކުރެއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.