މާމުއި ފެނާއި އެއްކޮށްގެން ބޭނުންކުރުމަކީ ޔޫރިން އިންފެކްޝަންއަށް ބޭސްކުރަމުން އަންނަ ފަރާތްތަކަށް ބޭނުންތެރި ހަތިޔާރަކަށް ވެދާނެކަމަށް އިނގިރޭސިވިލާތުގެ ސައިންސްވެރިން ބުނެފިއެވެ.

އާންމުކޮށް މިފަދަ ބަލިމީހުން ޖެހެނީ ކުޑަކަމުދިޔުމަށް ނުވަތަ ހަށިގަނޑުގައި ޔޫރިން ހުރި މިންވަރު ބެލުމަށްޓަކައި ކެތެޓާއެއް ބޭނުން ކުރާށެވެ. އެހެންނަމަވެސް މި ޓިއުބްތަކުގައި ނުރައްކާތެރި ޖަރާސީމު އުފެދި އިތުރު އިންފެކްޝަންތަކަށް މަގުފަހިވުމުގެ ފުރުސަތު ބޮޑެވެ.

ޔުނިވާސިޓީ އޮފް ސައުތުއެމްޕްޓަންގެ ސައިންސްވެރިން ވަނީ ފެނާއި އެއްކޮށްފައިވާ މާމުއި، ޕްލާސްޓިކްފަދަ ތަކެތީއި ހެދުމަށް ޖަރާސީމު އަށަގަތުމަށް ހުރަސްއަޅާ ކަމަށް ބުނެފަ އެވެ.

ފެނާއި މާމުއި އެއްކޮށްގެން ކުޑަކަމުދާ ނިޒާމުގެ ހޮޅިތައް ސާފުތާހިރުކަންމަތީ ބެހެއްޓުމަށް ބޭނުންކުރެވިދާނެ އެވެ.

މާމުޔައަކީ ޒަމާނުއްސުރެވެސް ގުދުރަތީ ފަރުވާއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އަނދާފައިވާ ތަންތަނަށާއި އެކިއެކި ޒަޚަމްތަކަށް ފަރުވާ ކުރުމަށް މީހުން މާމުއި ބޭނުންކުރެ އެވެ.

މީގެ އިތުރުން މިހާރަކަށް އައިސް ވަރަށް ގިނަ ކުންފުނިތަކުން ވަނީ ހަންގަނޑަށް އުފައްދާ އުފެއްދުންތަކުގައި ވެސް މާމުއި ބޭނުން ކުރަން ފަށާފަ އެވެ.