އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަންގައި އެ މައްސަލަ ތަހުގީގު ކުރުމުގައި އިސްކޮށް އުޅެފައިވާ ޏ. ފުވައްމުލައް، ހޯދަޑު، މައުނާ، އަބްދުﷲ އާޒިމް ގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފި އެވެ.

މިހާރު އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރެއް ކަމުގައިވާ އާޒިމްގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތުގެ ދެ ދައުވާއާއި މަނީލޯންޑަރިންގެގެ ދެ ދައުވާ އެކެވެ.

ދައުލަތުން ކުރި ދައުވާ ތަކުގައިވާ ގޮތުން ރިޝްވަތުގެ ގޮތުގައި 100،000 ޑޮލަރު އޭނާ އަށް ވަނީ ލިބިފަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ކުރީގެ ސަރުކާރުގެ ބައެއް ވެރިންނާ ގުޅޭގޮތުން އޭސީސީން ބަލަމުން ދިޔަ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ގޮތާއި އޭސީސީގެ ސިއްރު މައުލޫމާތު ހިއްސާކުރުމަށާއި ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމަށް ނުފޫޒު ފޯރުމަށްޓަކަރި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނައިބު ރައީސް އަހްމަދު އަދީބު މެދުވެރިކޮށް އެސްއޯއެފް ކުންފުނީގެ ޗެކަކުން ދިން ފައިސާ ޖަމާކޮށްފައި ވަނީ އާޒިމްގެ އެކައުންޓަށް ކަމަށެވެ.

އާޒިމް ލިބިގަތް 50،000 އެމެރިކާ ޑޮލަރު އޭނާގެ ކޮއްކޮގެ އެކައުންޓަށް ޖަމާކޮށް، އެ މުއާމަލާތަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށްޓަކައި އާޒިމް އޭނާގެ ކޮއްކޮގެ އެކައުންޓަށް 771،000 ރުފިޔާ ޖަމާކުރުމަށްފަހު، އެ ޑޮލަރަށްވާ ދިވެހި ފައިސާ ޖަމާކުރުމަށްފަހު، އެ ޑޮލަރަށްވާ ދިވެހި ފައިސާގެ ގޮތުގައި ކޮއްކޮގެ އެކައުންޓުން ޗެކެއް މ. ލޭންޑް އޮފް ގާޑަން އަހްމަދު އިސްފާހު އަލީއަށް ދޫކޮށްފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ދައުވާގައި އެދިފައިވެ އެވެ.