ބޮލީވުޑްގެ ވެޓެރަން އެކްޓަރުން ކަމަށްވާ އަމީތާބް ބައްޗަންއާއި ދަރްމެންދުރަގެ ގޭގައި ބޮމެއް ހަރުކޮށްފައިވާނެ ކަމަށް ބުނެ މަރުގެ އިންޒާރެއް ދީފި އެވެ.

ކާކުކަން ނޭނގޭ މީހަކު ދެ އެކްޓަރުންގެ ގެއަށް ކުރި ފޯނު ކޯލެއްގައި އެމީހާ ބުނެފައިވަނީ އެ ދެ އެކްޓަރުންގެ ގެ "ގޮއްވާލާނެ" ކަމަށެވެ.

އަމީތާބްއާއި ދަރްމެންދްރަގެ އިތުރުން އިންޑިއާގެ އެއް މަހުޖަނު ކަމަށްވާ މުކޭޝް އަމްބާނީގެ ގެއަށް ވެސް ހަމަލާ ދޭނެ ކަމަށް އެމީހަކު ވަނީ އިންޒާރު ދީފަ އެވެ.

މި އިންޒާރާއެކު ނާގްޕުރް ޕޮލިހުން ވަނީ މުމްބާއީ ޕޮލިހަށް އެލާޓް ދީފަ އެވެ. އަދި އެއަށްފަހު ފުލުހުން ވަނީ އެގެތަކުގެ ސެކުއުރިޓީ ލެވެލް މަތިކޮށް މައްސަލައިގެ ތަހުގީގު ފަށާފަ އެވެ.

މުމްބާއީގައި އަމީތާބްގެ ފަސް ގެއެއް ހުންނައިރު އިންޒާރުގެ ކޯލް ލިބިފައިވަނީ އޭނާގެ އާއިލާއާއެކު މިހާރު އުޅެމުންދާ "ޖަލްޝާ"އަށް ކަމަށް ހަބަރުތައް ބުނެ އެވެ.

ބޮލީވުޑްގެ ތަރިންނަށް ދޭތެރެ ދޭތެރެއިން މަރުގެ އިންޒާރު ލިބޭއިރު މީގެ ކުރިން އެފަދަ އިންޒާރުތައް ލިބިފައިވާ ތަރިންގެ ތެރޭގައި އާމިރު ޚާން، ސަލްމާން ޚާން އަދި ޝާހްރުކް ޚާން ހިމެނެ އެވެ.