ލޯފަން މީހުންގެ ވޯޓުގެ ސިއްރުކަން ކަށަވަރުކޮށްދިނުމަށް ބްލައިންޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

އެ އެސޯސިއޭޝަނުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އެ ޖަމިއްޔާއިން އެދުނު ކަންކަން ނުކޮށްދެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެ ޖަމިއްޔާއިން ހުށަހެޅި ވޯޓު ކަރުދާހަށް ބަދަލުނުގެނެސް ބޮޑު ޚަރަދެއް ކުރުމަކާ ނުލައި ވޯޓުގެ ސިއްރުކަން ހިފެހެއްޓޭގޮތަށް އެފަދަ މީހުންނަށް ވޯޓުދެވޭނެ ފަދަ ހައްލެކެވެ. އެ އެސޯސިއޭޝަނުން ހުށަހެޅި ގޮތަކީ ވޯޓު ކަރުދާހާ އެއްވަރުގެ ހާޑް މެޓީރިއަލް ޝީޓެކެވެ. އެ ޝީޓްގައި ކެންޑިޑޭޓުންނާ ދިމާލުގައި ފާހަގަ ޖަހަންވީ ތަން އެ ޝީޓުގައި ވަނީ ކަނޑައި ފާހަގަކޮށްފައެެވެ. އެގޮތުން ވޯޓު ކަރުދާސް މަތީގައި އެ މެޓީރިއަލް ބޭއްވުމަށްފަހު ކަނޑާފައިވާ ފާހަގައިގެ އެހީގައި ލޯފަން މީހުންނަށް ފާހަގަ ޖެހޭނެ އެވެ.

އެ އެސޯސިއޭޝަންގެ އިސް ބޭފުޅެއް ކަމަށްވާ އަބްދުﷲ ޒިޔާއު ވިދާޅުވީ މީހެއްގެ އެހީތެރިކަމާއެކު ވޯޓުލުން އެފަދަ މީހުން ބޭނުންވާގޮތަށް ވޯޓު ނުލެވޭ ކަމަށެވެ.