މިދިޔަ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހު ވިލިމާލެއިން ފުރި "ހެދޭ ކުރި" ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަން މަރާލީ އޭނާއަށް ނޭނގި މޫދަށް ކޮށްޕައި ވައްޓައިލައިގެންކަން ހާމަވުމުން އޭނާގެ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ޕީޖީ އޮފީހުން ބުނީ ނިޒާމްގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި ވައްކަންކުރުމުގެ ދައުވާ އާއި ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ދައުވާ ކަމަށެވެ.

ތަހުގީގުން ހާމަވިގޮތުގައި ލިޓަން މަރާލީ ކ. ގަލުފަޅު ކައިރިއަށް މޫދަށް، އޭނާ ކޮށްޕާ ވައްޓާލައިގެންނެވެ. އެ ކަން ހިނގާފައިވަނީ މިދިޔަ ޑިސެމްބަރު 28ގެ ރޭ 19:00 އާއި، 20:30 އާ ދެމެދުގެ ވަގުތެއްގައެވެ. މީގެ އިތުރުން އެ ދޯނީގައި ހުރި ލިޓޮންގެ 51،000 އަށްވުރެ ގިނަ ރުފިޔާ ނިޒާމް ވަގަށް ނަގައިފައިވާކަން ވެސް ތަހުގީގުން ހާމަވި ކަމަށް ދައުވާގައިވެ އެވެ.

ނިޒާމްގެ މައްޗަށް ޑައިމޯފިނުން މުއާމަލާތްކުރުމުގެ ދައުވާ އުފުލީ ނިޒާމް ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު އެ ތަނުން 3.2565 ގްރާމްގެ ޑައިމޯފިން ފެނިފައިވާތީކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މަސްތުވާތަކެތި ގަތީ، ދޯނިން ވަގަށް ނެގި ފައިސާއިން ކަމަށް ވެސް ނިޒާމުގެ މައްޗަށް ތުހުމަތުކުރެވެއެވެ.