ދިރިއުޅެން ޖެހިފައި ވަނީ ކާރުބާރޫ ބޮޑު މަގުތައް ވަށައިގެން ހުރި ސަރަހައްދެއްގައި ހެއްޔެވެ؟ ނުވަތަ ގިނަ އަދަދަކަށް އެއްގަމު އުޅަނދު ފަހަރުން ތޮއްޖެހިފައިވާ ތަނެއްގައި ހެއްޔެވެ؟

މި ސުވާލުތަކުގެ ޖަވާބަކީ އާނއެކޭ ކަމަށްވާ ނަމަ މިއީ ވިސްނާލަން ޖެހިފައި އޮތް ބޮޑު މައްސަލައެކެވެ.އެއީ ސިއްހީ ސަބަބުތަކަަކަށްޓަކަ އެެވެ.

ޖަރުމަނުގެ ސައިންސްވެރިން ހެދި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ޓްރެފިކުން ތޮއްޖެހި، އޭގެ އަޑުފަށްގަނޑާ ހެދި ދިރުއުޅުމަށް ބުރޫ އަރާ ނަމަ މިއީ ހާޓްއެޓޭކް ނުވަތަ ހިތް ހުއްޓުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ ކަމެކެވެ.

ޑްރެސްޑެން ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީން ހެދި ދިރާސާ އިން ދެއްކި ގޮތުގައި ވެހިކަލްތަކުން ތޮއްޖެހިފައިވާ ސަރަހައްދުތަކާއި ރޭލު ފަދަ އުޅަނދުތައް ދަތުރު ކުރާ ސަރަހައްދުތަކާ ކައިރީގައި އުޅޭ މީހުންނަށް އޭގެ އަޑުތަކާ ހެދި ސިއްހީ ގިނަ މައްސަލަތައް ކުރިމަތިވެ އެވެ.

އެގޮތުން އެންމެ ބޮޑު މައްސަލައަކީ ޓްރެފިކް ޕޮލިއުޝަން ނުވަތަ ނޮއިސް ޕޮލިއުޝަންގެ ސަބަބުން ހިތަށް ނޭދެވޭ އަސަރުތައް ކޮށް، ހިތް ހުއްޓުމުގެ ފުރުސަތު ބޮޑުވުމެވެ.

މީގެ އިތުރުން ގަދަ މިއުޒިކާއި އެހެނިހެން ގަދަ އަޑުތައް މެދުނުކެނޑި އިވުމަކީ ވެސް ހިތުގެ މައްސަލަތަކަށް މަގުފަހިވާނެ ކަމެއް ކަމަށް އެ ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.

އަޑުގަދަ ވުމަކީ ހިތުގެ ހިނގުމަށް ބަދަލުތަކެއް ގެނުވާ ކަމަކަށް ވާއިރު ޓްރެފިކްގެ އަޑުތައް ތަކުރާރުކޮށް އިވުމަކީ ތަރައްގީ ވެފައިވާ ގައުމުތަކުގައި ހާޓްއެޓޭކް ޖެހުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބު ކަމަށް މި ދިރާސާގައި ހޯދިފައިވެ އެވެ.

ރާއްޖެ އަށް ބަލާ އިރު ވެރި ރަށް މާލޭގައި އުޅޭ ރައްޔިތުން މިކަމާ ވިސްނާލުން ބުއްދިވެރިއެވެ. މިހާރު ވެސް މާލެއަކީ އެތައް ހާސް އުޅަނދުތަކުން ތޮއްޖެހިފައިވާ ތަނަކަށްވާއިރު ބަރުގޮނުގެ އަޑު ކަނޑައިގެންދާ އިރެއް މަދުވާނޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.