މާލޭގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީކުރަން ބޭނުންވާ ގަރާޖު ސިޓީގެ ނިޒާމު ވަގުތުން އުވާލުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައްވައިފި އެވެ.

މާލޭގައި ކާރު، ޕިކަޕް، ވޭން ފަދަ އެއްގަމު އުޅަނދު ރަޖިސްޓްރީކުރާ ނަމަ ޕާކުކުރާނެ ގަރާޖު ސިޓީއެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ. ބައެއް ފަރާތްތަކުން އެފަދަ ވެހިކަލްތައް ރަޖިސްޓްރީ ކުރާ ނަމަ 50،000ރ. އަށް ވުރެ ބޮޑު އަގުގައި ގަރާޖު ސިޓީ ގަނެގެން ހުށަހަޅަން ޖެހޭ ވަނީ ބޮޑުވެފަ އެވެ.

މޭޔަރު މިފަދައިން ގޮވާލެއްވީ މި އަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި މާލެ ސިޓީގެ ޕާކިން މައްސަލައާ ގުޅިގެން ކަންބޮޑުވުންތައް ހިއްސާކުރައްވަމުންނެވެ.

"ގަރާޖު ސިޓީގެ ނިޒާމު ވަގުތުން އުވާލަން ގޮވާލަން. އަދި ޕާކިން މައްސަލައިގައި ޖޫރިމަނާކޮށްފައިވާ ރައްޔިތުންގެ ޖޫރިމަނާ މިހާރުން މިހާރަށް މާފުކޮށްދެއްވުމަށް ގޮވާލަން. ރައްޔިތުންގެ ޖީބަށް އަތް ބޭނުމުގެ ބަދަލުގައި ރައްޔިތުންނަށް ހައްލު ހޯދައިދިނުމުގެ އަޚުލާގު ދަސްކުރަން އަޅުގަނޑު ސަރުކާރަށް ގޮވާލަން،" މުއިއްޒު ވިދާޅުވި އެވެ.

ޕާކިން މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން އެޅުމަށް ނިންމާފައިވާ ޕާކިން ބިލްޑިންގް ބިނާކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށް ނިންމާފައިވާކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ ރައްޔިތުންނަށް މި މައްސަލައަށް ހައްލު ހޯދައިދިނުމަށް ހަމައެކަނި ބޭނުންވަނީ ސަރުކާރުގެ ހުއްދަ ކަމަށާއި، އެހެންކަމުން މާލޭގެ ޕާކިން މައްސަލަ ހައްލުކުރަން މާލެ ސިޓީ ކައުންސިލުން އިމާރާތްކުރަން ފަރުމާކޮށްފައިވާ 8 ޕާކިން ބިލްޑިންގް އެޅުމަށް އެއްބާރުލުން ދެއްވަން މޭޔަރު މުއިއްޒު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.