ބޮޑު ހާދިސާއެއް ކުރިމަތިނުވެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އޮޕަރޭޝަންސް ކުރިއަށް ގެންދެވެނީ ސަލާމަތާ ރައްކާތެރިކަމަށް ބޮޑު ސަމާލުކަމެއް ދޭތީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިހެން ވިދާޅުވެފައި ވަނީ، ރޭ ވެލާނާ އެއާޕޯޓު މުވައްޒަފުންނަށް ހާއްސަކޮށް ސޭފްޓީ، ސެކިއުރިޓީ، އަދި ސިއްހަތު ހިމެނޭ "ބިނާރު" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ވީއައިއޭގެ ސްކޭލްގައި ހިދުމަތްދޭ އިތުރު އެއްވެސް އެއާޕޯޓެއް އިންޑިއާ ކަނޑުގައި ނެތް ކަމަށެވެ.

"ވީއައިއޭގެ ސެކިއުރިޓީ އަދި ސޭފްޓީގެ ކަންކަން އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމަކީ ގައުމުގެ ސަލާމަތާވެސް ގުޅިފައިވާ ކަމެއް. މިއެއާޕޯޓަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކީ ގައުމަށް ކުރިމަތިވާ ނުރައްކަލެއް. ކޮންމެ ގޮންޖެހުމަކީ، ގައުމުގެ އިގުތިސާދަށް ކުރިމަތިވާ ގޮންޖެހުމެއް،" މާރިޔާ ވިދާޅުވި އެވެ.

އެމް އޭސީއެލުން ފެށި ބިނާރު ޕްރޮގްރާމަކީ ސަރުކާރުގެ އެ ސިޔާސަތުގެ އިތުރަށް އެއާޕޯޓްގެ ސެކިއުރިޓީއަށް ވެސް ވަރަށް މުހިންމު ޕްރޮގްރާމެއް ގޮތުގައި މާރިޔާ ސިފަކުރެއްވި އެވެ. "ބިނާރު"ގައި ސޭފްޓީ އާއި ސެކިއުރިޓީ އަދި ސިއްހަތާގުޅޭ އެވެއާނަސް ޕްރޮގްރާމްތަކާއި ހެލްތް ސްކްރީނިން ފަދަ ހަރަކާތްތައް ހިމެނެ އެވެ.