އދ. ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސް ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފި އެވެ.

ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ބާއްވާ މިކޮންފަރެންސް މިއަހަރު ކުރިޔަށްދަނީ، ގަތަރުގެ ވެރިރަށް ދޯހާގެ ގަތަރު ނެޝަނަލް ކޮންވެންޝަން ސެންޓަރުގަ އެވެ.

ރާއްޖެއަކީ، އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ދަރަޖައިން، މެދުފަންތީގެ އާމްދަނީއެއް ލިބޭ ގައުމުތަކުގެ ދަރަޖައަށް ބަދަލުކުރެވުނު ތިންވަނަ ގައުމެވެ. އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ގޮތުގައި 46 ގައުމެއް ހިމަނާފައިވާ އިރު، އެ ގައުމުތަކަކީ، މަދުން އާމްދަނީ ލިބޭ އަދި އުމުރާނީ ތަރައްގީއާ ދެމެހެއްޓެނިވި ތަރައްގީގެ ހުރަސްތައް އޮތް ގައުމުތަކެވެ.

އދ. ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސް ވަނަ ކޮންފަރެންސްގެ އަމާޒަކީ، ދުނިޔެއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކޮށް، ތަނަވަސްކަން އިތުރުކުރުމަށް، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުން މަސައްކަތް ކުރުމުގެ ގާބިލްކަން އިތުރުކުރުމެވެ.

އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމުތަކުގެ 5 ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވަނީ، އެ ގުރޫޕް އުފެދުނުތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންވެސް ޙަރަކާތްތަކެއް ކުރިޔަށް ގެންގޮސްފަ އެވެ.