ފެނަކީ މާބަނޑު ދުވަސްވަރު އެންމެ ޒަރޫރީ އެއް ބުއިމެވެ. އެހެން ނަމަވެސް ޕްލާސްޓިކް ފުޅިއަކުން ފެން ބުއިމަކީ އެއިން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެ ކަމެއް ކަމަށް ސައިންސްވެރިން މިވަނީ ބުނެފަ އެވެ.

ޕްލާސްޓިކް ފުޅި އުފެއްދުމުގައި ބޭނުންކުރާ ބިސްފަނޯލް މާއްދާގެ ކުޑަ ކުޑަ މިންވަރަކީ ވެސް ބަނޑުގައިވާ ދަރިފުޅަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށް ފަހުގެ ދިރާސާއަކުން ދައްކާފައިވެ އެވެ.

އެގޮތުން ބިސްފަނޯލްގެ އަސަރު ކުރާ ކުދިންގެ އުޅުމަށާއި އަހުލާގަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. މިއީ ޅަފަތުގެ އުމުރުގައި ނުފެނުނު ނަމަވެސް ފުރާވަަރަށް އަޅާއިރު ފެނުން އެކަށީގެންވާ ކަންކަމެވެ.

ބިސްފަނޯލްއަކީ އާއްމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ އުފެއްދުންތަކުގައި އެކުލެވޭ މާއްދާ އެކެވެ. އޭގެ ތެރޭގައި ކާނާ ރައްކާކުރާ ތަށިތަކާއި ފުޅިތަކުގެ އިތުރުން ކަރުދާސް ވެސް ހިމެނެ އެވެ.

މިއީ ސިކުނޑީގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުކޮށް ހަށިގަނޑުގެ ހޯމޯންތައް ބަދަލު ކުރުވާ މާއްދާއެއް ކަމަށާއި މާބަނޑު ނޫނަސް އާއްމު މީހުން ވެސް މި މާއްދާ އެކުލެވޭ ތަކެތި ބޭނުން ކުރުމުގައި ސަމާލުވާން ޖެހޭ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

ފަހުގެ ދިރާސާއަކުން މި ހޯދުން ހޯދިފައިވީ ނަމަވެސް އެއްވެސް ގައުމެއްގެ ސިއްހީ އިދާރާއަކުން އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.