ސިއްހީ ދާއިރާއަށް ދެން އޮތް ބޮޑު އިންގިލާބަކީ ކޮބާ ހެއްޔެވެ؟ ފެންވަރު ރަނގަޅު މެޝިންތަކާއެކު ދެން އޮތީ ކޮން ކަމެއް ހެއްޔެވެ؟ ޓެކްނޮލޮޖީގެ ވަސީލަތްތައް އިންސާނުންގެ މަސައްކަތްތަކަށް އަތްގަދަ ކުރާނެ ދުވަހެއްވެސް ދާދި އަވަހަށް ފެނިދާނެ އެވެ.

ދާދި ފަހުން އެމެރިކާގެ ހޮސްޕިޓަލެއްގައި މިވަނީ އޮޓޯމެޓިކް ރޮބޮޓެއް ބޭނުންކޮށްގެން ކަށީގެ ސާޖަރީއެއް ހަދާފަ އެވެ. މީހެއްގެ ކަކޫ ބަދަލު ކުރަން ކުރި އެ ސާޖަރީ ކުރިއަށް ގެންގޮސްފައިވަނީ އެކަމަށް ހާއްސަކޮށް ތައްޔާރުކުރި ރޮބޮޓެކެވެ.

ހަބަރުތައް ބުނާ ގޮތުގައި ރޮބޮޓު ބޭނުންކޮށްގެން ކުރި އެ ސާޖަރީ ކާމިޔާބު ވެފައިވާއިރު ސާޖަރީ ކުރުމުގެ ތެރޭގައި އެއްވެސް މައްސަލައެއް ވެސް ދިމާވެފައެއް ނުވެ އެވެ.

މިކަމުން ވެސް އެނގިގެން ދަނީ ސިއްހީ ދާއިރާގައި ރޮބޮޓް ބޭނުން ކުރުމަކީ ނުރައްކާތެރި ކަމެއް ނޫންކަން ކަމަށް ސާޖަރީ މޮނީޓާކުރި ޑޮކްޓަރުން ބުނެފައިވެ އެވެ.

ރޮބޮޓު ބޭނުންކޮށްގެން އިންސާނުންގެ ސާޖަރީތައް ކުރުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު މަދު ބަޔަކު އަންނަނީ އެއީ ސިއްހީ ދާއިރާއަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ވެސް ސިފަކޮށްފަ އެވެ.

މިއާއެކު ސައިންސްވެރިންނާއި ކަމާބެހޭ މާހިރުން ވަނީ އިތުރު ސާޖަރީތަކުގައި ވެސް ރޮބޮޓުން ބޭނުން ކުރުމަށް މަސައްކަތްތައް ފަށާފަ އެވެ.