ހުޅުމާލޭ ޖޫސްޓައިމަށް ގެއްލުން ދިން މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ޖޫސްޓައިމަށް ގެއްލުން ދީފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތުއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އެއީ އުމުރުން 28 އަހަރުގެ މީހެކެވެ.

ޖޫސް ޓައިމަށް ގެއްލުންދިނުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކު އިއްޔެ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އުމުރުން 19 އަހަރުގެ މީހެކެވެ.

ޖޫސްޓައިމަށް ގެއްލުންދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު އެތަނުގެ ބިއްލޫރިތައް ތަޅާލައި އެތެރެއަށްވަދެ ގެއްލުންދޭ މަންޒަރެވެ. އެ މީހުން ގެއްލުންދޭން ފެށުުމުން ބިރުން އެތަނުގައި ހުރި މީހަކު ނުކުމެގެން ދެއެވެ. އަދި އެ މީހުން ވަނީ އެތަނުގައި ހުރި ފައިސާތައް ވެސް ވަގަށް ގެންގޮސްފަ އެވެ.