މިއަހަރުގެ ރިޔާސީ އިންތިޚާބު ކުރިމަތިވަމުން އަންނައިރު ސިޔާސީ މަސްރަހުގައި އެންމެ ގަދައަށް އިވެމުންދާ އަޑަކީ ކޯލިޝަނުގެ ވާހަކަ އެވެ. ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ވަނީ ކޯލިޝަނަކާއެކު ވެރިކަމުގެ ދައުރެއް ފުރިހަމަކުރެއްވުމާ ގާތަށް ވަޑައިގެން، އިތުރު ދައުރެއް އެގޮތުގައި ކާމިޔާބު ކުރެއްވުމަށް މަސައްކަތްޕުޅު ފައްޓަވައިފަ އެވެ.

އެމަނިކުފާނު ގެންދަވަނީ މިހާރު ވެސް ސަރުކާރާ އެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކުރާ ޕާޓީތައް ކުރިޔަށް އޮތް ދައުރުގައި ވެސް އެގޮތުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. އެއާއެކު ގަދަވަމުން އަންނަ އަޑަކީ ކޯލިޝަން ހަދައިގެން ސަރުކާރުން ޕާޓީތަކަށް "ހައްގު މިންވަރު" ނުލިބޭކަމުގެ ޝަކުވާގެ ވާހަކަ އެވެ.

ކޯލިޝަނުން ހައްގު މިންވަރު ނުލިބޭކަމުގެ ޝަކުވާ ހުރިހާ ޕާޓީތަކަކުން ވެސް ގެންދަނީ ކުރަމުންނެވެ. އެބުނާ ހައްގު މިންވަރަކީ ކޮބައިކަން ސީދާ ފާޅުގައި ނުބުނިކަމުގައި ވިޔަސް ސަރުކާރުން އެ ޕާޓީތަކަށް ލިބެންޖެހޭ ކަމަށް ގަބޫލުކުރާ ބާރުތައް ނުލިބޭ ވާހަކައަކީ ޝަކުވާގެ ލިސްޓުގެ ކުރީގައި އޮންނަ ވާހަކަ އެވެ.

"އެގްރިމެންޓުގައި އޮތް 20 ޕަސެންޓުގެ ތެރެއިން 10 ޕަސެންޓް ވެސް ނުލިބޭ،" ރައީސް ޔާމީންގެ ސަރުކާރުން މީދޫ ދާއިރާގެ މެންބަރު ސިޔާމުގެ އެމްޑީއޭއާއެކު ހެދި ކޯލިޝަނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު ވިދާޅުވި އެވެ. އެއީ ހަމަ އެކަނި އެމްޑީއޭ އިން ދައްކާ ވާހަކައެއް ނޫނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހަދަން ވިޔަފާރިވެރިޔާ އަހުމަދު ސިޔާމްގެ އެމްޑީއޭއިން ބޭއްވި ގައުމީ މަޖްލިސްގެ ތެރެއިން. ފޮޓޯ: އެމްޑީއޭ

ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަނީ ކޯލިޝަނުން އެ ޕާޓީއަށް ލިބެނީ "ކަނދި ކަމަނާގެ މަސް ތެލުލުން" ފަދަ ޝަރަފެއް ކަމުގައި ވިދާޅުވެ، ހައްގުވާ މިންވަރާމެދު ޝަކުވާ ކުރައްވާފަ އެވެ. އަދާލާތުގެ އިމްރާނާއި ރައީސް މައުމޫންގެ އެމްއާރު.އެމުން ވެސް ދައްކަނީ ހަމަ އެއް ވާހަކައެކެވެ. ހައްގުވާ މިންވަރު ނުލިބޭ ވާހަކަ އެވެ.

ހައްގުވާ މިންވަރާ މެދު ޝަކުވާ ކުރެއްވިކަމުގައި ވިޔަސް މި ހިނގާ ރިޔާސީ ދައުރުގައި ކޯލިޝަން ހެދި ޕާޓީތަކުން މިހާތަނަށް ތިބީ މާބޮޑު މައްސަލައެއް ނުޖައްސާ ހިމޭނުންނެވެ. ސަރުކާރު ވުޖޫދުވުމަށް ފަހު، އައި މަޖިލިސް އިންތިޚާބުގައި ކޯލިޝަންގެ އެއްބަސްވުން އުވާލައި އެމްޑީޕީން ވަނީ އެކަނި ނިކުމެ މަޖިލީހުގެ ގިނަ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

ކޯލިޝަނުގެ އެހެން ބައިވެރިންނަށް އެ މީހުންގެ ސައިޒު ދައްކާލި އިލެކްޝަނަށް ފަހު އެ ޕާޓީތަކަށް ސަރުކާރުން ދެމުން ގެންދިޔަ ސަމާލުކަން ކުޑަވެގެން ދިޔަ ކަމުގައި ވިޔަސް، އެ ޕާޓީތަކާއެކު އޮތް ގުޅުން ދެމެހެއްޓެވުމަށް ރައީސް ސޯލިހު މަސައްކަތް ކުރައްވަމުން ގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން ކިތަންމެ ބަލިކަށިކޮށް ނަމަވެސް ކޯލިޝަން ވުޖޫދުގައި އެބައޮތެވެ.

"ބަލި އެނދުގައި" އޮތް ކޯލިޝަނަށް ދިރުން ލިބި ހައްގު މިންވަރު ހޯދުމަށް އަޑު އުފުލަން ފެށީ ރައީސް ސޯލިހު ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް ކޯލިޝަނަކާ އެކު ނިކުންނެވުމަށް ނިންމަވައި ޕާޓީތަކަށް ދައުވަތު ދެއްވުމުންނެވެ. ރައީސްގެ ދައުވަތަށް އިޖާބަ ދީ އެންމެ ފުރަތަމަ ކޯލިޝަން އެއްބަސްވުމެއް އިއުލާން ކުރީ އެމްޑީއޭ އިންނެވެ. އެ ޕާޓީން ރައީސް ސޯލިހާއެކު ކޯލިޝަން ހެދި ސަބަބަކީ ރައީސް ޔާމީންގެ ސަރުކާރުން އެ ޕާޓީއަށް ހައްގު ވިންވަރު ކަމަށްވާ ސަރުކާރުގެ 10 ޕަސެންޓު ހިއްސާ ނުލިބި އޮތުމެވެ. އެހެންކަމުން ރައްޔިތުންނަށް ހެޔޮ އެދިގެން އެމްޑީއޭ އިން މިފަހަރު ކޯލިޝަނަށް ވަނީ 10 ޕަސެންޓަށް ވުރެ ބޮޑު މިންވަރެއް ނުވަތަ އެ މިންވަރު ލިބޭނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.

އަދާލަތު ޕާޓީން ކުރިޔަށް އޮތް ދިހަ އަހަރު ދުވަހަށް އެކުލަވާލި ސްޓްރެޓީޖިކް އެކްޝަން ޕްލޭން ފާސްކުރުމަށް ބޭއްވި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި މެމްބަރުން ބައިވެރިވަނީ. ފޮޓޯ: އަދާލަތު

ސަރުކާރުގެ ކޯލިޝަންގައި މިހާރު ވެސް ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ ރައީސް ސޯލިހުގެ އަރިސް ބޭފުޅުނާއެކު މަޝްވަރާކޮށް ހައްގު މިންވަރު ލިބޭނެ ކަމުގެ ޔަގީންކަން ހޯދައިފަ އެވެ. އަދާލަތާއެކު ސަރުކާރުގައި ދެން އޮތް ދެ ޕާޓީން ކުރެ އެމްއާރުއެމުން އަދި ވެސް ގެންދަނީ ނިންމާނެ ގޮތަކާ މެދު މަޝްވަރާ ކުރަމުންނެވެ.

އެ ޕާޓިގެ ލީޑަރު ރައީސް މައުމޫނާއި ރައީސް ސޯލިހުގެ ބައްދަލުވުމެއް ދާދި އަވަހަށް އޮންނާނެ ކަމަށް ބެލެވެ އެވެ. އެ ބައްދަލުވުން ވެގެންދާނީ އެމްއާރުއެމަށް ސަރުކާރުން ހައްގުވާ މިންވަރު ކަށަވަރުކުރުމުގެ ފުރުސަތަކަށެވެ. އެ ފުރުސަތު ޔަގީންކުރުމަށްފަހު އެ ޕާޓީން ވެސް ރައީސް ސޯލިހާއެކު ކޯލިޝަން ހަދައި ޕާޓީއަށް ލިބެންޖެހޭ ހިއްސާ ހޯދުމަށް މަސައްކަތް ކުރާނެ އެވެ. ހައްގުވާ މިންވަރާ މެދު އެންމެ ބޮޑު ސުވާލެއް އުފެދިފައި ވަނީ ސަރުކާރުގެ ހިއްސާގެ އެންމެ ބޮޑު މިންވަރެއް ހައްގުވާކަމުގައި ދައުވާކުރާ ޖުމުހޫރީ ޕާޓީއާ މެދުގަ އެވެ.

އެމްއާރުއެމްގެ އިސް ބޭފުޅުން

އެ ޕާޓީން މިހާތަނަށް ވަނީ ޕާޓީގެ މުހިންމުކަން ދައްކައި، ސަރުކާރުގެ ސަމާލުކަން ހޯދަން ތަފާތު ހަރަކާތްތަކެއް ހިންގައިފަ އެވެ. އެގޮތުން ޕާޓީގެ ކޮންފަރެންސެއް ބާއްވައި ގަރާރެއް ހުށަހަޅައި، އެ ގަރާރު ކައުންސިލުން ފާސްކޮށް ވެރިކަމަށް ކުރިމަތިލުމާ މެދު ގޮތެއް ނިންމަން ކައުންސިލަށް ބާރު ދިނެވެ. އެހެން ނަމަވެސް ހުރިހާ ހަރަކާތަކަށް ފަހު ނިމިގެން ދިޔައީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭނުންފުޅުވާ ގޮތަކަށް އެކަން ނިންމުމަށެވެ. އެހެންކަމުން ގާސިމް މިހާރު ގެންދަވަނީ އެމަނިކުފާނަށް ހައްގު މިންވަރު ސަރުކާރުން ލިބޭނެކަން ޔަގީންކުރުމުގެ މަޝްވަރާ ތައް ކުރައްވަމުންނެވެ. އެކަމަށްޓަކައި ރައީސް ސޯލިހާއި ހޯމް މިނިސްޓަރު އިމްރާންއާ ބައްދަލުކުރެއްވި ނަމަވެސް ގާސިމް ވަކި ގޮތެއް އިއުލާން ނުކުރައްވަ އެވެ.

ޖޭޕީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވަނީ. ފޮޓޯ: ޖޭޕީ

ގާސިމާއި ސަރުކާރާއެކު ދެކެވެމުންދާ ވާހަކައިގެ މައުލޫމާތު ހާމަ ނުކުރިކަމުގައި ވިޔަސް ގާސިމް އެދިވަޑައިގެންނެވި ކޮންމެ ކަމެއްކޮށްދެއްވާނެކަމުގެ ވައުދު ރައީސް ސޯލިހު މިވަގުތު ވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.

އެމްޑީޕީ އާއި އަދާލަތާއި އެމްޑީއޭ އާއި އެމްއާރުއެމް ގުޅިގެން އުފައްދާ ކޯލިޝަނުން ސަރުކާރުގެ ހިއްސާ ބަހައިލާއިރު، ކޮންމެ ބަޔަކުވެސް ބޭނުންވާ ޕަސެންޓް ހޯދުމަށް ޑިމާންޑު ކުރަނީ އެބަޔަކަށް ރައްޔިތުންގެ ތާއީދުއޮތް މިންވަރެއްގެ މައްޗަށް ދައުވާ ކުރަމުންނެވެ. ނުވަތަ ސަރުކާރުގެ ޕަސެންޓޭޖް ގަންނަނީ ރައްޔިތުން ރަހުނު ކޮށްފަ އެވެ.

ސުވާލަކީ ދިވެހި ރައްޔިތުން ރަހުނުކޮށްފައި، ޕާޓީ ލީޑަރުން ހައްގުވާ މިންވަރު ހޯދަން އުޅޭއިރު ރައްޔިތުންނަށް އޮތީ ކޮން ގޮތެއް ހެއްޔެވެ. ވޯޓު ފޮށްޓާ ހަމަޔަށް ދިޔުމުގެ ކުރިން އެކަން ހަނދާން ކޮށްލުން މުހިންމެވެ.