އަންކަރާ (މާޗް 8) - ތުރުކީގެ އިދިކޮޅު ޕާޓީތައް ވަރަށް ބޮޑަށް ބައިބައިވެފައިވީ ނަަމަވެސް މި ފަހަރު ހުރިހާ ޕާޓީތަކެއް ވަނީ އެއްގަލަކަށް އަރައިފަ އެވެ. އިންތިޚާބުގައި ރައީސް ރަޖަބު ތައްޔިބު އުރުދުޣާންއާ ދެކޮޅަށް ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓެއް ނެރުމަށެވެ.

މޭ މަހު އޮންނަ އިންތިޚާބުގައި ވާދަކުރުމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ކަމާލް ކިލިކްޑާރޮގްލޫ އެވެ.

ތަޖްރިބާކާރުން ބުނާ ގޮތުގައި ވޭތުވެދިޔަ ވިއްސަކަށް އަހަރު ގަދަ ބާރުގައި ވެރިކަން ކުރެއްވި އުރުދުޣާންއާ ދެކޮޅަށް މިފަހަރު ނެރޭ ކެންޑިޑޭޓާ އެކު އިންތިޚާބުގެ ވާދަވެރިކަން ވަރަށް ބޮޑުވާނެ އެވެ. ގައުމުގެ އިގްތިސާދީ ހާލަތާއި ދާދި ފަހުން ކުރިމަތިވި ބިންހެލުމާ ގުޅިގެން ސަރުކާރުން ކަންކަން ކުރި ގޮތުން އުރުދުޣާންގެ މަގްބޫލްކަން ވަނީ ދަށްވެފަ އެވެ. ބިންހެލުމުގައި ވަނީ 45،000 މީހުން މަރުވެފަ އެވެ.

އިދިކޮޅު ޕާޓީތަކުން ނެރޭ ކެންޑިޑޭޓުގެ ގޮތުގައި ކަމާލް ހަމަޖެއްސުމާ ގުޅިގެން ތުރުކީގެ އެތައް ބަޔަކު ވަނީ އުފާ ފާޅުކޮށްފަ އެވެ. އުމުރުން 47 އަހަރުގެ ކަމާލްއާ މެދު ބައެއް މީހުންގެ ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް ހަ ޕާޓީއަކުން ވަނީ އިދިކޮޅު އެއް ކެންޑިޑޭޓުގެ ގޮތުގައި ކަމާލް ނެރުމަށް އެއްބަސްވެފަ އެވެ.

ކަމާލް ވިދާޅުވެފައި ވަނީ އޭނާ އިންތިޚާބު ވެއްޖެ ނަމަ ވެރިކަމުގެ ބާރުތައް ޖަމާކުރުމަށް އުރުދުޣާން ގެންގުޅުއްވި ނިޒާމް ބަދަލު ކުރައްވާނެ ކަމަށެވެ.

މަޑުމައިތިރި އުސޫލުތަކެއް ގެންގުޅުއްވާ ކަމާލް، ތުރުކީގައި ގާނދީގެ ނަމުން މަޝްހޫރުވެފައި ވަނީ އިންޑިއާގެ މަހާތަމާ ގާނދީއާ އޭނާ ވައްތަރުވުމުންނެވެ.