ވަރަށް އާދައިގެ ކަންތައްތަކަށް ސަމާލުވެ، ފަރުވާތެރިވެގެންވެސް ހަށިގަނޑގުގައިވާ ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރެވިދާނެ އެވެ.

ކެއުމަށް ބެލުން

ކެއުމުގައި ހިތުގެ ދުޅަހެޔޮކަމަށް ބޭނުންތެރި ކާނާގެ ބާވަތްތައް ހިމެނިދާނެ އެވެ. އެގޮތުން ބޭނުންކުރެވިދާނެ ބާވަތްތަކުގެ ތެރޭގައި، ތަރުކާރީ އާ މޭވާގެ ބާވަތްތައް، ތޮޅީގެ ބާވަތްތައް، ފައިބަރު ގިނަ ކާނާގެ ބާވަތްތައް، ޕާން އަދި ޒައިތޫނި ތެޔޮ ފަދަ ތަކެތި ހިމެނެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑުގައި ހިމެނޭ ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން ރަގަޅު ކޮލެސްޓްރޯލްގެ ނިސްބަތް މަތިވެ އެވެ.

ކަސްރަތުކުރުން

ގަވާޢިދުން ކަސްރަތު ކުރުމަކީ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް، ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށްދޭނެ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ގަވާޢިދުން މަދުވެގެން 30 މިނިޓް ހަށިގަނޑަށް ފައިދާހުރި ކޮންމެވެސް ކަސްރަތެއް ކުރުމަށް އާދަ ކުރާށެވެ. ކަސްރަތުކުރުމަކީ ބަރުދަން ލުއިކޮށް، ހަކުރު ބައްޔާއި، ލޭމައްޗަށްދިއުން ކޮންޓްރޯލްކޮށްދީ ހިތުގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.

ބަރުދަން ލުއިކުރުން

ހަށިގަނޑުގެ ބަރުދަން ލުއިކުރުމަކީ ލޭގައި ހިމެނޭ ސަރުބީގެ މިންވަރު ދަށްވާނެ ކަމެކެވެ. މީގެ އިތުރުން ބަރުދަން ލުއިކުރުމަކީ ލޭމައްޗަށް ދިއުން ކޮންޓްރޯލް ކޮށްދޭނެ ކަމެކެވެ.

ގަވާޢިދުން ބޭސް ބޭނުންކުރުން

ބައެއް ފަހަރު ހަމައެކަނި ކެއުމަށް ބަދަލު ގެނައުމާއި، ކަސްރަތު ކުރުން ސަރުބީ ދަށްނުވެ ހިނގައިދާނެ އެވެ. އެހެން ކަމުން މިހާލަތުގައި ކެއުމަށް ބަދަލު ގެނައުމާއި އެކު، ކަސްރަތުކުރުން ކުރިޔަށް ގެންދަމުން، ސަރުބީ ދަށްކުރުމަށް ޑޮކްޓަރުން ދެއްވާ ބޭސް ގަވާޢިދުން ބޭނުން ކުރަން ޖެހެ އެވެ.