ތެލް އަވީވް (މާޗް 12) - އިޒްރޭލުގެ ތާރީޚުގައި ވެސް ބާއްވާ އެންމެ ބޮޑު މުޒާހަރާއާ އެކު ގައުމު ހުއްޓުމަކަށް އަތުވެއްޖެ އެވެ.

އިޒްރޭލުގެ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން ދަނީ ޝަރުއީ ނިޒާމަށް ސަރުކާރުން ގެންނަން އުޅޭ އިސްލާހުތަކާ ގުޅިގެންނެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ ޝަރުއީ ނިޒާމަށް ގެންނަ ބަދަލުތަކަކީ ކޯޓުތަކާއި ސަރުކާރުގެ އެކި އިދާރާތަކުގެ ބާރުތައް ހަމަހަމަކުރާނެ ބަދަލުތަކެއް ކަމަށެވެ. އަދި މިއީ އިދިކޮޅުން ރާވައިގެން ކުރިއަށް ގެންދާ މުޒާހަރާތަކެއް ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. ނަތަންޔާހޫ ވިދާޅުވެފައި ވަނީ ޝަރުއީ ނިޒާމަށް ގެންނަ ބަދަލުގެ މައިގަނޑު އެއް ބޭނުމަކީ ކޯޓުތަކަށް ލިބިގެން ނުވާ ބާރުތަކުގެ ބޭނުން ކުރުން ހުއްޓުވުން ކަމަށެވެ.

އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް ވިދާޅުވެފައި ވަނީ މިހާރު ކުރިއަށްދާ މުޒާހަރާތަކަކަކީ އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. ގައުމަށް ޓެރަރިޒަމްގެ ބިރު ބޮޑުވެފައިވާ އިރު ގައުމުގެ އިގްތިސާދު ވަނީ އަނދަވަޅަކަށް ވެއްޓިފައި ކަމަށް ވިދާޅުވި އެވެ.

މުޒާހަރާ އަށް އިޒްރޭލުގައި އިއްޔެ ވަނީ ބައި މިލިއަން މީހުން ނުކުމެފަ އެވެ. ހާރެޓްޒް ނޫހުން ބުނެފައި ވަނީ މިއީ އިޒްރޭލުގެ ތާރީޚުގައި ވެސް އެންމެ ގިނަ މީހުން މުޒާހަރާ އަށް ނުކުތް ފަހަރު ކަމަށެވެ. ވެރިރަށް ތެލް އަވީވުގެ މަގުތަކަށް ވެސް ވަނީ ދެ ލައްކަ މީހުން މުޒާހަރާ އަށް ނުކުމެފަ އެވެ. އުތުރުގެ ހައިފާ ސިޓީގެ މުޒާހަރާގައި ވަނީ 50،000 މީހުން ބައިވެފަ އެވެ.

މިއީ އިޒްރޭލުގައި ހުއްޓުމެއް ނެތި މުޒާހަރާކުރަމުންދާތާ 10 ވަނަ ދުވަހު އެވެ.

ބުރާސްފަތި ދުވަހު މުޒާހަރާ އަށް ނުކުތް މީހުން ވަނީ ބޮޑުވަޒީރު ނަތަންޔާހޫ ގައުމުން ބޭރަށް ފުރައިގެން ދިއުން ހުއްޓުވައިފަ އެވެ. ނަތަންޔާހޫ ފަހުން ވަނީ ރޯމަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރު ކެންސަލްކޮށްފަ އެވެ.