ދައުލަތުން މިއަހަރު ކުރި ހަރަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 16.5 ޕަސަންޓް އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން މާޗް ނުވަ ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދު ވަނީ 8.2 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދު ހުރީ ހަތް ބިލިއަން ރުފިޔާގަ އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 155.3 މިލިއަން ރުފިޔާ ހޭދަކުރިއިރު ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 148.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މީގެ އިތުރުން ބްރިޖު މަޝްރޫއަށް 72.3 މިލިއަން ރުފިޔާ ހޭދަކުރިއިރު އެއާޕޯޓްތަކަށް 33.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ލޯނުތައް އަނބުރާ ދެއްކުމަށް 541.2 މިލިއަން ރުފިޔާ ހޭދަކުރިއިރު ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ވަނީ 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ޕީއެސްއައިޕީގެ ތެރެއިން ބަނދަރުގެ މަޝްރޫއުތަކަށް 264.4 މިލިއަން ރުފިޔާ ހޭދަކުރިއިރު މަގު ހެދުމަށް 212.4 މިލިއަން ރުފިޔާ އަދި ބިން ހިއްކުމަށް 191 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން 1 ޖެނުއަރީ 2023 އިން ފެށިގެން 9 މާޗުގެ ނިޔަލަށް ދަތުރުތަކަށްވެސް ވަނީ 36 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދަތުރުތަކަށް ހަރަދުވެފައިވަނީ 25 މިލިއަނެވެ. އެހެން ކަމުން މިއަހަރުގެ ހަރަދު 10 މިލިއަން ރުފިޔާ އިތުރެވެ.