90ގެ ފަހުކޮޅާއި 2000ގެ ކުރީކޮޅު އަންހެނުންގެ ފެޝަންގައި އެންމެ މަގުބޫލުވި އެކައްޗަކީ ފައިކުރި ފުޅާ ޖިންސުތަކެވެ. ފައިކުރި ފުޅާ ޖިންސެއް ނެތްނަމަ "ވޯޑްރޯބް" ފުރިހަމަ ނުވި ދުވަސްވަރެއް ވެސް ދިޔަ އެވެ.

އެހެން ނަމެވެސް ދެހާހުގެ ފަހުކޮޅު ފައިކުރި ފުޅާ ޖިންސުގެ ޓްރެންޑް މަޑުމަޑުން ފަނޑުވެ އޭގެ މައްޗަށް ބާރުވެރި ކުރުވީ "ސްކިނީ" ނުވަތަ ފައިކުރި ހިމަ ޖިންސުގެ ޒަމާނެވެ. މިއަދާ ހަމައަށް ވެސް ދެމިއޮތީ ސްކިނީ ޖިންސުގެ ފެޝަނެވެ.

އެހެން ނަމަވެސް އެކަން ބަދަލުވާން ދެން މާ ގިނަ ދުވަސް ނަގާނެ ކަމަށް ލަފައެއް ނުކުރެވެ އެވެ. ބާވެގެން ވިޔަސް ހަޑިވެގެން ވިޔަސް ދޫކޮށްލި އެއްކަލަ ފައިކުރި ފުޅާ ޖީންސުގެ ފެޝަން އަނެއްކާ މިވަނީ ވައިގައި ހިފަން ފަށާފަ އެވެ.

އެކަން އެންމެ ރަނގަޅަށް އެނގިގެން ދަނީ މަޝްހޫރު ފެޝަން ބްރޭންޑެއް ކަމަށްވާ މާކް އެންޑް ސްޕެންސް އިން މިފަހުން ނެރުނު ސަމާ އަދި ސްޕްރިންގް ކަލެކްޝަނުންނެވެ.

އެ ކަލެކްޝަންގައި ތަފާތު ޑިޒައިންތަކުގެ ޖިންސުތައް ހުއްޓެވެ. އުނަގަނޑަށް ރަބަރު ލައްވާފައާއި ގޮށް ހަރުކޮށްފަ އެވެ. ނާޑުވާއިން ބާރުކުރާ ގޮތަށެވެ. އެހެން ނަމަވެސް ގާތްގަނޑަކަށް އެ ހުރިހާ ޖިންސުތަކުގައި ވެސް އެއް ސިފައެއް އެއްގޮތެވެ. އެއީ ފައިކުރި ފުޅާވުމެވެ.

މާކް އެންޑް ސްޕެންސުން ބުނީ މިދިޔަ އަހަރު އެ ބްރޭންޑްގެ ވެބްސައިޓްގައި އެންމެ ގިނައިން ސާޗް ކުރެވުނު އެއްޗަކީ ފައިކުރި ފުޅާ ޖިންސު ކަމަށާއި އެހެން ކަމުން މި އާ ކަލެކްޝަންއަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ފަރުމާކޮށްފައިވާ ކަލެކްޝަނެއް ކަމަށެވެ.

މިއީ މާޖެހި މިޑީ ހެދުންތައް ވުޖޫދުން ދިޔުމަށްފަހު އަންހެނުންގެ ފެޝަނަށް އަންނާނެ އެންމެ ބޮޑު އިންގިލާބު ބަދަލު ކަމަށް ފެޝަން ޑިޒައިނަރުން އަންނަނީ ބުނަމުންނެވެ.

ފައިކުރި ހިމަ ޖިންސުތަކާ އަޅާކިޔާއިރު ފައިކުރި ފުޅާ ޖިންސުތަކަކީ ލައިގެން އުޅެން ވެސް ފަސޭހަ އެއްޗެއް ކަމާމެދު އެއްވެސް އަންހެނަކު ދެބަހެއް ނުވާނެ އެވެ. އެހެން ކަމުން މިއީ މުޅިން ގޯސް ބަދަލެކޭ ބުނެވޭކަށް ނެތެވެ.

އެހެން ކަމުން ތިޔައީ ފައިކުރި ހިމަ ޖިންސުތައް ލާން ލޯބިކުރާ ފަރާތެއް ނަމަ އެއާދަ ދޫކޮށްލަންވީ ވަގުތު އައިސް މިއޮތީ ޖެހިފަ އެވެ. ނޫންނަމަ ތިބާ ވާނީ "އޯލްޑް ފެޝަން" މީހަކަށެވެ.