ދުވަހުގެ މަސައްކަތްތައް ހުންނަ ގޮތުން ކަސްރަތުގެ ފުރިހަމަ ސެޝަން އަކަށް ވަގުތު ނުވަނީ ހެއްޔެވެ؟ ވަގުތުގެ ދަތިކަމުން ކަސްރަތު ކުރަން ފަސް ޖެހެނީ ހެއްޔެވެ؟

އެހެން ކަމަށްވާ ނަމަ މިއޮތީ އުފާވެރި ހަބަރެކެވެ. ދުވާލަކު އެންމެ 11 މިނެޓުގެ ކަސްރަތުން ވެސް ސިއްހަތަށް ފާހަގަ ކުރެވޭ ވަރުގެ ބޮޑު ބަދަލެއް އަންނަ ކަމަށް ދިރާސާއަކުން މިވަނީ ދައްކާފަ އެވެ.

މި ދިރާސާގައި ދުވާލަކު މަދުވެގެން ވިހި މިނެޓު ކަސްރަތުގައި އުޅޭ މީހުންނާއި އެއްވެސް ވަރަކަށް ކަސްރަތު ނުކުރާ މީހުންގެ ތަފާސް ހިސާބުތައް އަޅާކިޔާފައިވެ އެވެ.

އެގޮތުން ދުވާލަކު 20 މިނެޓުގެ މަގުން ހަފްތާއަކު މަދުވެގެން 150 މިނެޓު ކަސްރަތު ކުރާ މީހުން ހިތުގެ ބަލީގައި މަރުވުން 29 ޕަސެންޓް ކުޑަވާއިރު ކެންސަރު ބަލީގައި ދުނިޔެ ދޫކުރުމުގެ ފުރުސަތު 15 ޕަސެންޓް ކުޑަވެ އެވެ.

މި ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އޮފިޝަލަކު ބުނީ ޖިސްމާނީ ހަރަކާތްތެރިކަމާއި ހިތުގެ ދުޅަހެޔޮކަމާ ގުޅުމެއްވާކަން ކުރިން ވެސް އެނގޭ ނަމަވެސް މި ދިރާސާއާއެކު އެކަމަށް އިތުރު ބާރެއް ލިބިފައވާ ކަމަށެވެ.

ހަފްތާއަކު 150 މިނެޓަށްވުރެ ގިނައިން ކަސްރަތު ކުރާ މީހުންނަށް ވެސް ލިބެނީ ގާތްގަނޑަކަށް އެއް ފައިދާތަކެއް ކަމަށާއި އެހެން ކަމުން އެންމެ މަދުން ހަށިގަނޑަށް ކަސްރަތު ބޭނުންވަނީ އެ މިންވަރަށްކަން އެނގޭ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

މިގޮތަށް ކަސްރަތު ކުރުމުގައި ހާއްސަކޮށް ކަސްރަތުގެ ނަމުގައި ކަމެއް ކުރުން މުހިއްމު ނޫން ކަމަށާއި އޮފީހަށް ދާއިރު ހިނގާފައި ނުވަތަ ބައިސްކަލުގައި ދިއުމަކީ ވެސް ކަސްރަތުގެ ގޮތުގައި ބެލެވޭނެ ކަންތައްތައް ކަމަށް ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.