އަހަރުމެންގެ ކެއުމުގައި އާއްމުކޮށް ބޭނުން ކުރެވޭ ބާވަތެކެވެ. އެހެން ނަމަވެސް އެއީ ސިއްހަތަށް ނުރައްކާތެރި ބާވަތެއްގެ ގޮތުގައި އަޑު އަރާފައި އޮންނަ ބާވަތެކެވެ. އެއީ ޕާނެވެ. ސައިންސްވެރިން މިވަނީ މި މައުޟޫއަށް އަލިއަޅުވާލާފަ އެވެ.

އެމެރިކާގެ ޑައިޓީޝަނެއް ކަމަށްވާ ނަޓަލީ މޮކަރީ ބުނީ ޕާނަކީ ސިއްހަތަށް ގެއްލުންހުރި އެއްޗެއް ކަމަށް ބުނެ އެ ކެއުން ދޫކޮށްލާ ގިނަ ބަޔަކާ ދިމާވެފައި ކަމަށާއި އެހެން ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ނަޓަލީ ބުނީ ޕާނަކީ ބެލެންސްޑް ޑައިޓަކަށް ވަރަށް މުހިއްމު ބާވަތެއް ކަމަށާއި އެއީ ސިއްހަތަށް ވެސް ގިނަ ފައިދާތަކެއް ލިބިދޭ އެއްޗެއް ކަމަށެވެ.

އެގޮތުން ހޯލް ވީޓް ގްރެއިން (ބްރައުން ބްރެޑް)ގެ ދެތިން ފޮތި ކޮންމެ ދުވަހަކު ވެސް ކެއުމަކީ ޓައިޕ ޓޫ ހަކުރު ބައްޔާއި ހިތުގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެއް ކަމަށް ނަޓަލީ ބުންޏެވެ.

ކާބޮހައިޑްރޭޓްސްއަކީ ހަށިގަނޑުގެ ހިނގުމަށް މުހިއްމު މާއްދާއެއްކަން ފާހަގަ ކުރަމުން ނެޓެލީ އިތުރަށް ބުނީ ޕާނަކީ ކާބޮހައިޑްރޭޓްސް ލިބިދޭ މުހިއްމު ކާނާއެއް ކަމަށެވެ.

އެހެން ކަމުން ކެއުމަށް އެންމެ ރަނގަޅު ޕާނަކީ ކޮބައިތޯ ބަލާނަމަ ގިނަ ކަންކަމަށް ބަލަން ޖެހޭ ކަމަށް އޭނާ ބުނެ އެވެ. އެގޮތުން ޕާން ބޭނުންކުރާ މިންވަރާއި އެ ބޭނުންކުރާ ގޮތަކީ ވެސް މި ނިންމުމުގައި ބަލަންޖެހޭ ކަންކަން ކަމަށް އޭނާ ބުނެފައިވެ އެވެ.

އާއްމު ގޮތެއްގައި ސިއްހަތަށް އެންމެ ރަނގަޅު ބާވަތަކީ ބްރައުން ބްރެޑް ކަމަށް ނެޓެލީ ބުނި ނަމަވެސް ވަކި މިންގަނޑެއްގައި ހުދު ޕާން ވެސް ބޭނުން ކުރެވޭނެ ކަމަށް އޭނާ ބުނެ އެވެ.