ހަތަރު އަހަރަށްފަހު ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޝާހްރުކް ޚާން ފެނިގެން ދިޔަ ޕަތާން ފިލްމުން ބޮލީވުޑްގެ އިތުރު ރެކޯޑެއް މުގުރާލައިފި އެވެ.

އެގޮތުން އެ ފިލްމުން ވަނީ 17 އަހަރު ތެރޭގައި 50 ދުވަސް ވަންދެން ސިނަމާ ތަކުގައި ދެއްކި ފުރަތަމަ ފިލްމުގެ ލަގަބު ހޯދާފަ އެވެ.

މީގެ ކުރިން މި ރިކޯޑު ލިބިފައިވަނީ 2006 ވަނަ އަހަރު ނުކުތް ރިތިކް ރޯޝަންގެ "ކްރިޝް" އަށެވެ. އެއަށްފަހު ބޮލީވުޑްގެ އެއްވެސް ފިލްމެއް 50 ދުވަސް ވަންދެން ސިނަމާ ތަކުގައި ދައްކާފައެއް ނުވެ އެވެ.

ޕަތާންއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މި ފިލްމުން ވަނީ ބޮލީވުޑްގެ އިތުރު ރެކޯޑުތަކެއް ވެސް މުގުރާލާފަ އެވެ.

އެގޮތުން ބޮލީވުޑްގެ ތާރީހުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކަށް އެ ފިލްމު ވެފައިވާއިރު އިންޑިއާ ނޫން އެހެން ގައުމުތަކުގައި ވެސް އެންމެ މަތިން އާމްދަނީ ހޯދި ފިލްމަކަށް ޕަތާން ވަނީ ވެފަ އެވެ.

ޝާހްރުކްގެ އެންމެ ފަހުގެ ފިލްމު 50 ދުވަސް ވަންދެން ސިނަމާގައި ދައްކާފައިވާއިރު 1995 ވަނަ އަހަރު ނުކުތް ޝާހްރުކުގެ "ދިލްވާލޭ ދުލްހަނިޔާ ލޭޖަޔެންގޭ" މިހާރު ވެސް ބައެއް ސިނަމާތަކުގައި ދައްކަމުންދެ އެވެ.