ހުޅުމާލޭގައި ޓެކްސީއެއް ތެރޭގައި މަރާލި ޓެކްސީ ޑްރައިވަރު ގާސިމްގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ އަދުހަމުގެ މައްޗަށް ކުށް ސާބިތުވެއްޖެ އެވެ.

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

އަދުހަމް ވަނީ ދައުވާއަށް ކުރިން އިއުތިރާފްވެފަ އެވެ. އެކަމަކު ފަހުން އަދުހަމް ބުނެފައިވަނީ އޭނާ އެކަން ކޮށްފައިވަނީ ގަސްތުގައި ނޫން ކަމަށާއި، އެއީ އޭނާއަށް މަސްތުގެ ހާލަތުގައި ހުރެގެން ކުރެވުނު ކަމެއް ކަމަށެވެ.

މިމައްސަލައިގައި މިއަދު ބޭއްވުނު އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ގާސިމަށް ހަމަލާދިން ވަޅި ސަބަބާ ބެހޭގޮތުން އެކިފަހަރު އެކިގޮތަށް އަދުހަމް ތަހުގީގުގައި ވާހަކަ ދެއްކިޔަސް، ކޮންމެ ފަހަރަކު ވެސް ވަޅި ހެރި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން އެ ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައިވާތީ ވަޅި ހެރިކަމާ މެދު ޝައްކެއް ނެތް ކަމަށާއި އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޤާޒީ ވިދާޅުވި އެވެ. އަދި މީހުން ދިރިނޫޅޭ ހިސާބެއްގައި ހިނގި އެ ހާދިސާއަށްފަހު ގާސިމަށް އެހީތެރިވުމަށް އަދުހަމް މަސައްކަތް ކުރިނަމަ، އޭނާގެ ކިބައިގައި މެރުމުގެ ގަސްދު ނެތް ކަމަށް ބެލެވުނީސް އެވެ.

ގާޒީ އިތުރަށް ވިދާޅުވީ ހަމަލާދިން ވަގުތު އަދުހަމް ހުރީ މަސްތުވެގެން ކަމަށް އޭނާ ބުނެފައި ވިޔަސް، އަދުހަމް އެވަގުތު ހުރީ އޭނާ ކުރާ އަމަލުގެ ނަތީޖާ ނުވިސްނޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ. އަދި މަސައްކަތްކުރީ ފޭރެން ކަމަށްވާތީ އޭނާ ހުރީ ކަންކަން ވިސްނޭ ހާލަތެއްގައިކަން އެނގޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

މިމައްސަލައިގައި ދެން އޮންނާނީ ވާރިސުންގެ ބަސް ހޯދުމެވެ. ނަމަވެސް އެކަން ކުރާނެ ވަކި ދުވަހެއް ގާޒީ ވިދާޅުވެފައެއް ނުވެ އެވެ. ގާސިމު ވާރިސުންގެ ގޮތުގައި ފަސް ދަރިން އެބަތިއްބެވެ.