ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް އިނގިރޭސި ވިލާތުގައި ހިންގާ ކުޅޭ އެއްޗެހި އުފައްދާ ކުންފުންޏަކުން އިސްލާމީ އިލްމު ފަތުރަން ހާއްސަކޮށްގެން ކުޅޭ އެއްޗެހިތަކެއް ނެރެފި އެވެ.

ކުޑަކުދިން ގަޔާވާ ގޮތަށް ފަރުމާ ކޮށްފައިވާ މި ކުޅޭ އެއްޗެހީގެ ޒަރިއްޔާއިން އިސްލާމީ ރިވެތި އަދަބުތަކާއި އާދަތައް ކުޑަކުދިންނަށް ދަސްވާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

މި ކުޅޭ އެއްޗެހި ތައާރަފް ކުރުމާ ގުޅިގެން އިނގިރޭސި ވިލާތުގައި ވަނީ ކުލަގަދަ ހަރަކާތްތަކެއް ވަނީ ބާއްވާފަ އެވެ. އެގޮތުން މި ތަކެތީގެ މެސްކޮޓް "އޮމަރު އަދި ހަނާ"އާއެކު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

މި ކުޅޭ އެއްޗެހި އިނގިރޭސި ވިލާތުގެ ބާޒާރުގައި މިހާރު ލިބެން ހުންނާނެ ކަމަށާއި މިތަކެތީގެ ޒަރިއްޔާއިން ރަމަޟާން މަހަށް ކުޑަކުދިން ހޭލުންތެރި ކުރެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ހަމައެއާއެކު އޮމަރުއާއި ހަނާއާއެކު ކުޑަ ކުދިންގެ އިސްލާމީ އަގީދާ ވަރުގަދަ ވާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި މި ކުޅޭ އެއްޗެހީގެ ބޭނުމަކީ ވެސް އެއީ ކަމަށް ކުންފުނީގެ ފައުންޑަރު ފަރްޒާނާ ރަހްމާން ބުންޏެވެ.

އިސްލާމް ދީނަކީ އިނގިރޭސި ވިލާތުގައި މައިނޯރިޓީ ދީނެއް ނަމަވެސް އެ ދީނަށް ތަބާވާ މީހުން އެގައުމުގައި ދުވަހަކަށްވުރެ ދުވަހެއް އަންނަނީ އިތުރު ވަމުންނެވެ.