އިނގިރޭސިވިލާތަށް ރާއްޖެ އިން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކަނޑާލުމާ އެކު، ރާއްޖޭގައި މަސްގަތުމުގެ ވާދަވެރި ބާޒާރެއް އުފެދިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 14 އަހަރުވީ މަސައްކަތަށްފަހު އިނގިރޭސިވިލާތުން ނަގަމުން އައި 20 ޕަސެންޓުގެ ޓެރިފް ކަނޑާލުމުން އެންސިސް، ހޮރައިޒަން އަދި މިފްކޯ ފަދަ ކުންފުނިތަކަށް މަސްވެރިންގެ އަތުން މަސް ގަންނަ އަގު ރަނގަޅުކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ. އެކަމުގެ ސަބަބުން ހަގީގީ ވާދަވެރި ބާޒާރެއް އުފެދިފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"އަަޅުގަނޑުމެން [މިހާރު] އިނގިރޭސިވިލާތަށް އެބަ ބޭރުކުރަން ގާތްގަނޑަކަށް 18 މިލިއަން ޕައުންޑްގެ މަސް،" ޝިޔާމް ވިދާޅުވި އެވެ.
ހަމައެއާއެކު އަމިއްލަ ކުންފުނިތަކުން މިހާރު މަސް ކިލޯއެއް 21ރ. އާއި 22ރ. ދެމެދުގެ އަގެއްގައި ގަންނަމުން ދާއިރު، ސަރުކާރުން ވެސް މަސް ކިލޯއެއް 20ރ. އަށްވުރެ ދަށްނުވާނެ ގޮތަށް އަގު ހިފަހައްޓަމުންދާ ކަމަށް ޝިޔާމް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މަހަށް އެންމެ ރަނގަޅު އަގު ހޯދުމަށް އޮތް ގޮންޖެހުމަކީ ވެލިއު-އެޑް ކުރުމުގެ ގާބިލުކަން ކުޑަވުމެވެ. ނަމަވެސް އެކަން ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ދުވާލަކު 50 ޓަނު ދަޅުގައި ބަންދުކުރެވޭ މިންވަރު 300 ޓަނަށް އިތުރުކުރުމަށާއި، މަސް ރައްކާކުރެވޭ މިންވަރު 9،000 ޓަނުން 25،000 ޓަނަށް ބޮޑުކުރުމުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި
ދިރާގުގެ ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ ރަނގަޅު ކުރަން އެދެފި
ޑޮލަރު މާރުކުރުމާ ގުޅޭ އިސްލާހު އެއް ދުވަހުން ނިންމަނީ