މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމާ ގުޅިގެން ތަކެތީގެ އަގު އުފުލެމުންދާތީ، ޖީއެސްޓީ ކުޑަކޮށް، ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.

ގަރާރުގައި ބުނެފައިވަނީ ޖީއެސްޓީ ބޮޑުކުރުމާއެކު ދިވެހިން ދިރިއުޅުމުގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެއްޗާއި މުދަލާއި ހިދުމަތުގެ އަގު މިދިޔަ ޖެނުއަރީ މަހުން ފެށިގެން ހަތް ޕަސަންޓު ބޮޑުވެފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި 7.82 ޕަސަންޓު އިތުރުވެ ނިސްބަތުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި 75 ޕަސަންޓަށްވުރެ އިންފްލޭޝަން އުފުލިފައިވާ ކަމަށެވެ.

"ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އަގުތައް 4.3 ޕަސަންޓް ބޮޑުވެފައިވާކަން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވޭ" ގަރާރުގައި ބުނެފައިވެ އެވެ.

ރޯދަ މަހަށް ދިވެހިން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އެކި ބާވަތްތަކުގެ އަގުތައް ކުރިއަށްވުރެ ބޮޑުވަމުންދާއިރު ލިބޭ އާމްދަނީން ދެކޮޅުނުޖެހޭ ރައްޔިތުންގެ ގިނަ ބަޔަކަށް އާމްދަނީ އިތުރު ކުރެވޭނެ މަގުތަކެއް ފެންނަން ނެތް ކަމަށް މި ގަރާރުގައި ވަނީ ބުނެފަ އެވެ.

މިއަދުގެ ޖަލްސާގައި އޮތީ ގަރާރު މަޖިލީހަށް ތައާރަފު ކުރުމެވެ.