ހިންދީ ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ފިލްމެއް ކަމަށްވާ "މިސިޒް ޗެޓަރްޖީ ވާސަސް ނޯވޭ"އަކީ އެކި ގޮތްގޮތުން ފާހަގަ ކޮށްލެވޭ ފިލްމެކެވެ.

ގިނަ އަހަރުތަކަކަށްފަހު ބޮލީވުޑްގެ މަޝްހޫރު ތަރި ރާނީ މުކަރްޖީ ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ނޯވޭގައި ދިރިއުޅެމުން އަންނަ އިންޑިއާއަށް ނިސްބަތްވާ އަންހެނަކަށް ދިމާވާ ކަންތައްތަކެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.

އެގޮތުން ލީޑު ރޯލުން ފެނިގެންދާ މިސިޒް ޗެޓަރުޖީ (ރާނީ)ގެ ދަރިން ނޯވޭގެ ސަރުކާރުން އަތުލައި ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދެ އެވެ. ފިލްމުގައި ދެން ފެނިގެންދަނީ ދަރިން ހޯދުމަށްޓަކައި އޭނާ ކުރާ މަސައްކަތްތަކެވެ.

ސިނަމާތަކުގައި ފިލްމު އަޅުވައިގެން ހަފްތާއެއް ވެފައިވާއިރު ފިލްމަށް ހޫނު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ހާއްސަކޮށް ފިލްމުގައި ރާނީގެ އެކްޓިންއަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

މީގެ އިތުރުން ވެސް ފިލްމުގެ ތެރޭގައި އެކި ދުވަސްވަރު ދައްކާއިރު ރާނީގެ ހަށިގަނޑަށް އޭނާ ގެނެސްފައިވާ ބަދަލުތައް ވެސް ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.

"މިސިޒް ޗެޓަރްޖީ"އަށް ބޮކްސް އޮފީހުގައި ވެސް ރަނގަޅު ކާމިޔާބީއެއް ލިބެމުން އަންނައިރު ބޮލީވުޑްގެ މަޝްހޫރު އެހެން ތަރިން ވެސް ވަނީ ފިލްމުގެ ކާމިޔާބީއަށްޓަކައި ރާނީއަށް މަރުހަބާ ކިޔާފަ އެވެ.