ދުނިޔޭގެ އެންމެ މަޝްހޫރު އެއް އޯޑިއޯ ސްޓްރީމިން އެޕް ކަމަށްވާ "ސްޕޮޓިފައި" ގައި ހުރި ބޮލީވުޑްގެ އެތައް ލަވަތަކެއް ފޮހެލައިފި އެވެ.

ބޮލީވުޑް ގިނަ މަޝްހޫރު ލަވަތަކެއް ސްޕޮޓިފައި ފޮހެލާފައި ވަނީ ޒީ މިއުޒިކާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ދިޔައިރު ވެސް އެއްބަސްވުން އާ ކޮށްފައިނުވާތީ އެވެ.

މިދިޔަ ހަފްތާގައި އެއްބަސްވުން އާ ކުރުމުގެ މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

ބޮލީވުޑް ގިނަ ލަވަތަކެއް ސްޕޮޓިފައި ފޮހެލާފައިވާއިރު ގިނަ ބަޔަކު އަންނަނީ މިކަމާއި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އަދި އެ އެޕް މެދުވެރިކޮށް ސަބްސްކްރިޕްޝަން ކެންސަލް ކުރާނެކަމުގެ އިންޒާރު ވެސް ބައެއް މީހުން ދީފައިވެ އެވެ.

ބިލްބޯޑް އިން ސްޕޮޓިފައިއާ ހަވާލާދީ ބުނިގޮތުގައި އެ ކުންފުނިން ޒީ މިއުޒިކާއެކު އެއްބަސްވުމަކަށް ދެވޭތޯ ބެލުމަށް އަދިވެސް މަޝްވަރާކުރަމުން ގެންދާނެ އެވެ.

ސްޕޮޓިފައިގައި ހުރި ޒީ މިއުޒިކްގެ ލަވަތައް ފޮހެލުމުން މަޝްހޫރު އެތައް ލަވައެއް އަޑުއަހާލުމުގެ ފުރުސަތު ގިނަ ބަޔަކަށް މިހާރު ވަނީ ގެއްލިފަ އެވެ. އެފަދަ ލަވަތަކުގެ ތެރޭގައި "ޖާޒީ"ގެ "މައިއްޔާ މައިނޫ،" "ޑްރައިވް"ގެ "މަކްނާ" އަދި "ރައީސް"ގެ "ޒާލިމާ" ހިމެނެ އެވެ. ލޯބީގެ ކޮމެޑީ ފިލްމު "ވީރޭ ޑި ވެޑިން،" "ގަލީ ބޯއި،" އަދި ޕީރިއަޑް ޑްރާމާ "ކަލަންކް"ގެ ސައުންޑްޓްރެކް ވެސް ސްޕޮޓިފައި އިން ވަނީ ނަގައިފަ އެވެ.

ޒީ މިއުޒިކުން ވެސް މިއުޒިކް އެޕް ގާނާއާއެކު ލައިސަންސް އެއްބަސްވުން އާ ނުކޮށް، 2022 ވަނަ އަހަރު އެ މީހުންނާ ގުޅުން ކަނޑާލިއިރު، އޭގެ މަދު ދުވަސްކޮޅެއް ފަހުން ގާނާ ވެގެން ދިޔައީ ހަމައެކަނި ސަބްސްކްރިޕްޝަން ލިބޭ ހިދުމަތަކަށެވެ.

ޒީ މިއުޒިކްގެ ޔޫޓިއުބްގައި 93.6 މިލިއަން ސަބްސްކްރައިބަރުން އެބަތިއްބެވެ. ދެވަނައިގައި އޮތީ ޔޫޓިއުބްގައި 239 މިލިއަން ސަބްސްކްރައިބަރުން ތިބި ޓީ-ސީރީޒްގެ ފަހަތުންނެވެ.