ސަޢުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރު އިސްލާމިކް މިނިސްޓްރީން މިއަދު ބަހަން ފަށައިފި އެވެ.

ސައުދީ ސަރުކާރުން މިއަހަރު ރާއްޖެއަށް ހަދިޔާކުރީ 50 ޓަނުގެ ކަދުރެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބެހުމުގެ ކަންކަން މިއަދުން ފެށިގެން އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެކަމަށެވެ. އެގޮތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ލޮބީގައި ކަދުރު ބެހުން ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.

މިފަހަރު ކަދުރު ބަހަނީ މިއަހަރު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބީސީއަކަށް 1 ޕެކެޓް ކަދުރު ދޭ އުސޫލުންނެވެ. އަދި ފަގީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ބާކީ ކަދުރުތައް އެހެނިހެން ގޭބީސީތަކަށް ބެހުމަށް ވަނީ ނިންމާފަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރުކަމަށެވެ.

އަތޮޅުތެރޭގެ ރަށްރަށަށް ކަދުރު ބަހާނީ ރަށު ކައުންސިލްތަކުން މި އަހަރު އެ މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށްފަހު، އެ ކައުންސިލްތަކުންނެވެ.