އައްޑޫ ސިޓީގެ ފެނަކަ ކޯޕަރޭޝަނުން ވަޒީފާއިން ވަކިކުރީ ވަގުތީ މުވައްޒަފުންތަކެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އަދިވެސް މުވައްޒަފުން މަދުކުރަން ލަފާދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެ އެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ މަސައްކަތެއް ނުކޮށް ރައްޔިތުންގެ ފައިސާ ލިބޭ ގޮތަށް މީހުން ތިބުމަށް ތާއީދު ނުކުރައްވާ ކަމަށެވެ.

މިއީ ފެނަކައިގެ ޕްރޮޖެކްޓުތަކަށް ނަގާފައިވާ ބައެއް ވަގުތީ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތައް ނިމުމަކަށް ގެނެސްފައިވާ ދަނޑިވަޅެއްގައި މެންބަރު ކުރެއްވި ޕޯސްޓެކެވެ. މުވައްޒަފުން ވަކިކޮށްފައި ވަނީ އައްޑޫ ސިޓީގެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މަޖިލީސް މެންބަރުންނާ މަޝްވަރާކުރުމަށް ފަހު ކަމަށް ބުނެ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ދައްކަވާ ވާހަކަތަކަކީ ދޮގެއް ކަމަށް އަޒާން ވިދާޅުވި އެވެ.

މެންބަރު އަޒާން ވިދާޅުވި ގޮތުގައި އެ ކަމުގައި އޭނާއާ މަޝްވަރާ ކުރެއްވި ނަމަވެސް، ލަފާދެއްވާނީ ފެނަކައިގެ މުވައްޒަފުން އަދިވެސް އިތުރަށް މަދުކުރުމަށެވެ. އެހެން ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބެއްގައި ވޯޓު ހޯދަން ދާއިރު ވަޒީފާ ގެއްލޭ ފަރާތްތަކާ ކުރިމަތިލާން ޖެހޭނެކަން އެނގޭ ހާލުގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުން ނުވާ ވަރަށް މީހުން ނެގުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ހުރިހާ ރައްޔިތުންނަށް ކުރަމުންދާ ކަމަށް އަޒާން ވިދާޅުވި އެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޕްރޮޖެކްޓުތައް ހިންގުމުގެ ނަމުގައި ބޮޑެތި މަސްއޫލިއްޔަތުތަކެއް ނޯންނަ ގޮތަށް އެތައް ބަޔަކު ވަޒީފާތަކަށް ނަގާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އެފަދަ ވަޒީފާތަކުން ގައުމީ އުފެއްދުންތެރިކަމަށް އެއްވެސް ކުރިއެރުމެއް ނުލިބި، އެ މީހުންގެ މުސާރަ ދޭން ޖެހެނީ ބުރަކޮށް މަސައްކަތްކޮށްގެން ޓެކްސް ދައްކާ ރައްޔިތުންގެ ފައިސާއިން ކަމަށް އޭނާ ވިދާޅުވި އެވެ.

އަޒާން މިފަދައިން ވިދާޅުވިއިރު، މަޖިލިސް އިމްތިހާބުގެ ކެމްޕޭންގައި އޭނާގެ އެންގުމަށް 400 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކި ކުންފުނިތަކުން ވަޒީފާދީފަ އެވެ. އަދި އޭނާއަށް ވޯޓުދިނުމަށް ޝަރުތުކޮށް ގިނަ އަދަދެއްގެ މުވައްޒަފުންނަށް ވަނީ ޕްރޮމޯޝަން ދީފަ އެވެ.