މިއަހަރުގެ ރަމަޟާން މަހާ ގުޅުވައިގެން އިނގިރޭސި ވިލާތުގެ ދައުލަތުގެ ޚަޒާނާ ރޯޔަލް މިންޓުން ހާއްސަ ރަން ފޮތިތަކެއް ނެރެފި އެވެ.

އެގައުމުގެ މުސްލިމް މުޖުތަމައުއަށް ހާއްސަކޮށްގެން ނެރުނު މި ރަންފޮތިތައް އުފައްދާފައިވަނީ މުސްލިމް ކައުންސިލް އޮފް ވޭލްސްގެ ލަފާގެ މަތިންނެވެ.

ރަމަޟާން މަހާ ގުޅުވައިގެން އުފައްދާފައިވާ މި ރަންފޮތަކުގައި ކައުބަތުﷲ ގެފުޅުގެ ޑިޒައިން ކުރަހާފައިވާއިރު އޭގެ ބަރުދަނުގައި ހުންނަނީ 20 ގްރާމެވެ.

ރަސްމީ ގޮތުން މި ރަންފޮތިތައް ނެރުމުގެ ކުރިން ރޯޔަލް މިންޓުން ވަނީ އިނގިރޭސި ވިލާތުގެ އިސްލާމިކް ރިލީފްއިން ރާވައި ހިންގި ތިން އިވެންޓެއްގައި ބައިވެރިވެ ރަންފޮތިތަކެއް ނީލަމަށް ހުޅުވާލާފަ އެވެ.

އެގޮތުން އެ ފޮތިތައް ނީލަމުގައި ވިއްކާލައިގެން ލިބުނު ފައިސާ ވަނީ އިސްލާމިކް ރިލީފްގެ ކެމްޕެއިންތަކަށް ހަދިޔާ ކޮށްފަ އެވެ. އެ ކެމްޕެއިންތަކަކީ ބިންހެލުންފަދަ ކާރިސާތަކުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވާ ކެމްޕެއިންތަކެކެވެ.

އިނގިރޭސި ވިލާތަކީ މެޖޯރިޓީ ކްރިސްޓިއަން ދީނުގެ ގައުމެއް ނަމަވެސް އެގައުމުގައި އުޅޭ މުސްލިމުންގެ އަދަދު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ.