ރޯދަމަހަކީ ދުވާލުގެ ގިނަ ވަގުތު ފެން ނުބޮއި ތިބޭ ދުވަސްވަރަކަށް ވުމުން އެ ދުވަސްވަރު ހަށިގަނޑާއި މޫނުގެ ހަންގަނޑު ހިކި ކުރަކި ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިކަމުން ދުރުވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން ވެސް އެބަހުއްޓެވެ. އެފަދަ ބައެއް ކަންކަމަށް މި ލިޔުމުގައި ބަލާލާނަމެވެ.

ރޭގަނޑު ގިނައިން ފެން ބުއިން

ރޯދަ ވިއްލުމާއި ހާރު ކެއުމާ ދެމެދު ވީހާވެސް ގިނައިން ފެން ބުއިމަށް އާދަ ކުރާށެވެ. ކެފެއިން އެކުލެވޭ ބުއިންތައް ރޯދަމަހު ބުއިން އެއީ އެހާ ރަނގަޅު ކަމެއް ނޫނެވެ. އެހެންކަމުން ސޯޑާ، ކޮފީ ފަދަ ބުއިންތަކާ ރޯދަމަހު ދުރުވާށެވެ.

ފެނަށް ކިއުކަމްބާ، ލުނބޯ، މިންޓް އަޅައިގެން ބުއިމަކީ ހަންގަނޑަށް ވިޓަމިން ބީ، ވިޓަމިން ސީ، ދަގަނޑުގެ ބައި، މެގްނީސިޔަމް، ޕޮޓޭސިއަމް އަދި ޒިންކް ލިބޭނެ ކަމެކެވެ.

ހަންގަނޑުގެ ތެތްކަން ހިފެހެއްޓުން

ހަންގަނޑުގެ މޮއިސްޗާ ރޯދަމަހު ގެއްލެނީ ދުވާލު ހަންގަނޑަށް ލިބެންވާ ވަރަށް ފެން ނުލިބުމާ ގުޅިގެންނެވެ. އެހެންކަމުން މޮއިސްޗާ ހިފެއްޓުމަށް ތަފާތު ސްކިންކެއާ ޕްރޮޑަކްޓްތަކާއި ރޫޓިންތައް ބޭނުން ކުރެވިދާނެ އެވެ.

މާބޮޑަށް މޭކަޕް ނުކުރުން

ރޯދަމަހު ދުވާލު މާބޮޑަށް މޭކަޕް ކުރުމަކީ ހަންގަނޑަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. މިކަމުގެ ސަބަބުން ހަންގަނޑު ހިކި ކުރަކިވެ އެވެ. ފައުންޑޭޝަން ފަދަ މޭކަޕް ކުރުމުން ރޯދަ މަހު އެއްކޮށް ދުރުވާށެވެ. ރޯދަމަހު އެންމެ އެކަށީގެންވަނީ ކްރީމް ނުވަތަ ބާމްގެ ގޮތުގައި ހުންނަ މޭކަޕް ބޭނުން ކުރުމެވެ.

ފައިބާ އަދި އެންޓިއޮކްސިޑެންޓް އެކުލެވޭ ކާނާ ބޭނުންކުރުންރޯދަ ވިއްލުމަށްފަހު ގިނައިން ފައިބާ އަދި އެންޓިއޮކްސިޑެންޓް އެކުލެވޭ ކާނާ ބޭނުންކުރުމަކީ ހަންގަނޑަށް ވަރަށް ފައިދާ ހުރި ކަމެކެވެ. އެއީ ހަންގަނޑުގެ ތެތްކަން ވެސް ހިފަހައްޓައިދޭނެ ކަމެކެވެ. ނަޓްސް އަދި ބެރީސް އަކީ އެގޮތުން ކެއުމަށް އެންމެ ރަނގަޅު ބާވަތްތަކެވެ.