ރޯދަ މަހަކީ ރޭއަޅުކަމުގެ މައްސަރެކެވެ. އެހެން މަސްތަކުގައި ގަދަ ނިދީގައި ތިބޭ އެ ވަގުތު ރޯދަ މަހުގައި އަހަރުމެން ހޭދަ ކުރަނީ ހޭލާ ތިބެ އެވެ.

މިއާއެކު ވެސް ނިންޖަކީ އަހަރުމެންގެ ސިއްހަތަށް މުހިއްމު އެއްޗެކެވެ. އެކަށީގެންވާ ވަރަށް ނިިދި ނުލިބިއްޖެނަމަ ޖެހިގެން އަންނަ ދުވަހު ރޯދައަށް ހުރުން އުނދަގޫވެދާނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ރޯދަޔަށް ތިބޭ މީހުންނަށް ނިދޭ މިންވަރު އެނޫން މަސްތަކުގައި އެމީހުން ނިދާ މިންވަރަށް ވުރެ ދޮޅުގަޑިއިރު މަދެވެ. މީގެ އިތުރުން ނިދުމުގެ ކޮލިޓީ އަށް ވެސް ރޯދަ މަހު ބަދަލު އާދެ އެވެ.

ރޯދަ މަހުގެ ރޭގަނޑުގެ ގިނަ ވަގުތުތަކުގައި ހޭލާ ތިބޭ މީހުން ގިނަވާ ގޮތަށް މެންދުރު ވަންދެން ނިދާ މީހުން ވެސް އެ މަހުގެ ތެރޭގައި ގިނަވާކަން ތަޖުރިބާކާރުން ފާހަގަ ކުރައްވަ އެވެ.

ސްލީޕް އެކްސްޕާޓުން އިރުޝާދު ދެއްވަނީ ރޯދަ މަހު ވީހާވެސްއިރާކޮޅު ނިދަން އޮށޯވެ ރޭއަޅުކަމަށް ތެދުވުމުގެ ކުރިން މަދުވެގެން ހަތަރު ގަޑިއެއްހާއިރު ނިދޭނެ ގޮތަކަށް ކަންކަން ރާވާލާ އެހާ ވަގުތު ނިދޭކަން ޔަގީން ކުރުމަށެވެ.

އަދި އޭގެ ފަހުން ހާރު ކައިގެން ފަތިސް ނަމާދަށްފަހު އިރު އެރުމުން ނިދަން އޮށޯވެ ދެ ތިން ގަޑިއިރު ނިދާލުމުން ބަރާބަރަށް ނިދި ހަމަވާނެ ކަމަށެވެ.

ކުދިކުދި ނެޕް ދޭތެރެއަކުން ނެގުމަކީ ވެސް ރަނގަޅު ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އޭރުން ސިކުނޑި ތާޒާ ވާނެ އެވެ.

"ނެޕް ނަގާއިރު 20 ވަރަކަށް މިނިޓަށް ވުރެ އިތުރު ކޮށްގެން ނުވާނެ. އެހާ ވަގުތުކޮޅަކަށް އެލާމް ކޮށްގެން އޮށޯތުން ރަނގަޅީ،" ތަޖުރިބާކާރަކު ވިދާޅުވި އެވެ.