ރޯދައަށް ހުރުމަކީ ކުޑަކުދިންނަށް ތަފާތު ތަޖުރިބާއެއް ކުރުވާނެ ކަމެކެވެ. ހާއްސަކޮށް އަލަށް ރޯދަހިފަން ބެހެއްޓުމަކީ އެކުދިންގެ ހެދިބޮޑުވުމަށް ނަފްސާނީ ގޮތުންނާއި ރޫހާނީ ގޮތުން ގިނަ ފައިދާތަކެއް ކުރުވާ ކަމެކެވެ. އެހެން ނަމަވެސް ކުޑަކުދިން ރޯދައަށް ބަހައްޓާއިރު ބެލެނިވެރިން ސަމާލުވާން ޖެހޭ ބައެއް ކަންކަން ހުރެ އެވެ.

ރޯދަ މަސް ފެށުމުގެ ކުރިން އަހުލުވެރި ކުރުވުން

ރޯދަ މަސް ފެށުމުގެ ކުރިން ދުވާލުގެ ވަގުތުތަކުގައި ކާ މިންވަރާއި، ކާ ފަހަރު މަދުކޮށްލުމަށް ބާރުއެޅިދާނެ އެވެ. ލޮނާއި ހަކުރު އެކުލެވޭ ތަކެތި ދިނުން މަދުކޮށްލެވިދާނެ އެވެ. މިފަދަ ތަކެއްޗަކީ އާންމު ގޮތެއްގައި ކާހިތްވުމާއި، ކަރުހިއްކުން އިތުރުކުރާ ބާވަތްތަކަށް ވުމުން މިފަދަ ބާވަތްތަކާ ނުލާ ގިނައިރު ވަންދެން ކުދިންނަށް ހައިބަނޑާ ހުރެވޭނެ އެވެ.

ރަނގަޅު ހާރުދަމުގެ ކެއުމެއް ދިނުން

ހާރުދަމު ދޭ ކާތަކެތީގައި ކާބޯހައިޑްރޭޓް، ޕްރޮޓީން އަދި ފައިބާއިން މުއްސަދި ކާބޯތަކެތީގެ ބާވަތްތައް ހިމަނާށެވެ. ބަތް، ޕާން، ބިސް، ކުކުޅުމަސް، ކަނޑުމަސް، ޔޯގަޓް، ޗީޒު، އޯޓު ފަދަ ތަކެތި ދެވިދާނެ އެވެ. މިފަދަ ތަކެތީގެ ސަބަބުން ދުވާލުގެ ވަގުތުތަކުގައި ހަށިގަނޑުގައި ހަކަތަ ހުރެ ގިނައިރު ވަރުބަލިވިޔަނުދީ ހިފަހައްޓައިދޭނެ އެވެ.

ރޯދަވީއްލާ ގަޑީގައި މާ ގިނައިން ކާން ނުދިނުން

ރޯދަވީއްލުމަށް ތައްޔާރު ކޮށްފައި ހުންނަ ބާވަތްތައް ފެނި އެއްފަހަރާ ރޯ މާގިނައިން ކާން ކުޑަކުދިން އުޅެފާނެ އެވެ. ނަމަވެސް އެއްފަހަރާ މާގިނައިން ކާން ނުދޭށެވެ. އެއްފަހަރާ މާގިނައިން ކެއުމުން ވަރުބަލިކަމާއި، ލޮޑުކަން އިތުރުވެ، މަތިންއެރުމާއި، ގޭހުގެ އުދަނގޫތައް ކުރިމަތިވާގޮތް ވެއެވެ.

ގިނައިން ދިޔާތަކެތި ދިނުން

ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ފެނާއި ދިޔާތަކެތި ދޭށެވެ. ޚާއްޞަކޮށް ކޮންމެ ރެޔަކުމެ މަދުވެގެން 8 ތަށި ފެން ދެވޭތޯ ބަލާށެވެ. ރޭގަނޑު ގިނައިން ދިޔާތަކެތި ދިނުމަކީ ރޯދައަށް ހުންނައިރު ގެއްލިގެންދާ ފެނުގެ ބައި އަނބުރާ ހަށިގަނޑަށް ލިއްބައިދޭނެ ކަމެކެވެ.